21 Jul 2016, 12:50
އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބީ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ކްލަބާ އަލަށް ގުޅުނު މިޑްފީލްޑަރު ހެންރިކް މިކިތާރިޔަން ބުނެފި އެވެ.
ޔުނައިޓެޑަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން އެލެކްސް ފާގަސަން އެ ކްލަބުގެ ކޯޗުކަމުގެ މަގާމުން ވަކިވި ހިސާބުން ޔުނައިޓެޑަށް ޕްރިމިއާ ލީގުގައި ކާމިޔާބެއް ހޯދިފައެއް ނުވެ އެވެ. އެގޮތުން ފާއިތުވި ދިޔަ ތިން ސީޒަން ޔުނައިޓެޑުން ނިންމާލީ ލީގުގެ ހަތް ވަނަ، ހަތަރު ވަނަ އަދި ފަސް ވަނައިގަ އެވެ.
ދުވަސްތަކަކަށް ފަހު މިދިޔަ ސީޒަނުގައި ލުއިސް ވެން ހާލް ޔުނައިޓެޑަށް އެފްއޭ ކަޕް ކާމިޔާބުކޮށްދިން ނަމަވެސް، ޔޫއެފާ ޗެމްޕިއަންސް ލީގަށް އެ ކްލަބު ކޮލިފައި ނުކޮށްދެވުމުން އޭނާ މަގާމުން ވަކިކޮށް އެ މަގާމަށް ހޯސޭ މޮރީނިއޯ ވަނީ ހަމަޖައްސައިފަ އެވެ.
ޗެލްސީ، ރެއާލް މެޑްރިޑް އަދި އިންޓަ މިލާނަށް ކުރިން އިރުޝާދުދިން މޮރީނިއޯ ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވުމަށް ފަހު އެ ޓީމު ވަރުގަދަ ކުރުމަށް އެރިކް ބެއިލީ އާއި ޒްލަޓަން އިބްރަހިމޮވިޗް އަދި މިކިތާރިޔަން ވަނީ ގެނެސްފަ އެވެ.
"މެންޗެސްޓާ ޔުނައިޓެޑަކީ ދުނިޔޭގެ އެންމެ ބޮޑެތި ކްލަބުތަކުގެ ތެރެއިން ކްލަބެއް. އަހަރެން ވަރަށް އުފާކުރަން އަދި ކާމިޔާބު ހޯދައިދިނުމަށް އަހަރެންނަނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. ކާމިޔާބު ހޯދުމަށް އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" މިކިތާރިޔަން ބުންޏެވެ.
އޭނާ ބުނީ، ޔުނައިޓެޑަށް ކާމިޔާބު ހޯދުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި ކުރިއަށް އޮތް ސީޒަނަށް ރަނގަޅަށް ތައްޔާރުވެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑުގައި ތިން ސީޒަނެއް ހޭދަކުރި އަރްމޭނިއާ މިޑްފީލްޑަރު މިކިތާރިޔަން ޔުނައިޓެޑާ ގުޅުނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.