ވޮޝިންޓަން (ޖުލައި 21): މެލޭޝިއާގެ ދައުލަތަށް ނިސްބަތްވާ އިންވެސްޓްމެންޓު ފަންޑު، 1އެމްޑީބީގެ ހިޔާނާތުގެ މައްސަލައާ ގުޅުން ހުރި 1 ބިލިއަން ޑޮލަރުގެ އަގު ހުރި މުދާ ހިފަހައްޓަން އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު އެމެރިކާގެ ޕްރޮސިކިއުޓަރުން ދީފި އެވެ.

އެމެރިކާގެ ޑިޕާންޓްމެންޓް އޮފް ޖަސްޓިސް އިން ބުނި ގޮތުގައި 1އެމްޑީބީގެ 3.5 ބިލިއަން ޑޮލަރު ވަނީ ނަހަމަ ގޮތުގައި ބޭނުންކޮށްފަ އެވެ. އަދި އޭގެ ތެރެއިން އެއް ބިލިއަން ޑޮލަރު ލޯންޑާ ކޮށްފައިި ވަނީ އެމެރިކާގެ ބޭންކުތައް މެދުވެރިކޮށްގެންނެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާންޓްމެންޓުން ކެލިފޯނިއާގެ ކޯޓަކަށް ހުށަހެޅި 136 ސަފުހާގެ މައްސަލައިގައިވާ ގޮތުން މެލޭޝިއާގެ އިސް އޮފިޝަލުންތަކެއް ވަނީ 1އެމްޑީބީ ފަންޑުގެ ފައިސާ ލަގްޒަރީ ގެތަކާއި، ޖުވާ ކުޅުމުށާއި، 200 މިލިއަން ޑޮލަރަށް އަރާ އާޓް ގަތުމަށް ހަރަދުކޮށްފަ އެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގައިވާ ގޮތުން "މެލޭޝިއާގެ އޮފިޝަލް 1"ގެ އެކައުންޓަށް 1އެމްޑީބީ ފަންޑުން ފައިސާ ޖަމާކޮށްފައިވެ އެވެ. އެއީ "1އެމްޑީބީ ހިންގުމުގައި އިސްކޮށް އުޅުއްވި އަދި މެލޭޝިއާ ސަރުކާރުގެ އިސް އޮފިޝަލެއް" ކަމަށް ކޯޓަށް ހުށަހެޅި ލިޔުމުގައިވެ އެވެ.

އެ ލިޔުންތަކުގައި މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ނަން ހިމަނާފައި ނުވި ނަމަވެސް މައްސަލައާ ގުޅުން ހުރި ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި "އޮފިޝަލު 1" ކަމަށް ބުނެފައި ވަނީ ބޮޑުވަޒީރު ނަޖީބު ކަމަށް ރޮއިޓާސްގައިވެ އެވެ.

ބޮޑުވަޒީރު ނަޖީބުގެ އޮފީހުން ވަނީ އެމެރިކާއިން 1އެމްޑީބީގެ މައްސަލައާ ގުޅިގެން ކުރާ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.

"ބޮޑުވަޒީރު އަބަދުވެސް ވިދާޅުވާ ފަދައިން، [އެއްވެސް މީހަކު] ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަން ސާބިތިވެއްޖެ ނަމަ އެއްވެސް ތަފާތެއް ނުކޮށް ގާނޫނު ތަންފީޒު ކުރާނެ،" ބޮޑުވަޒީރު ނަޖީބުގެ ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.

ވަންއެމްޑީބީ ފަންޑުން ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ބޮޑުވަޒީރު ނަޖީބުގެ އެކައުންޓަށް ޖަމާ ކުރި މައްސަލައެއް މެލޭޝިއާއިން ވަނީ މީގެ ކުރިން ތަހުގީގުކޮށްފަ އެވެ. އޭރު މެލޭޝިއާގެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ ނިންމީ ބޮޑުވަޒީރު ނަޖީބުގެ އެކައުންޓަށް އެފައިސާ ޖަމާކޮށްފައި ވަނީ ސައުދީ އަރަބިއާގެ ޝާހީ އާއިލާއިން ހަދިޔާއެއްގެ ގޮތުގައި ކަމަށެވެ. (ބީބީސީ)