ތުރުކީގެ ސިޔާސީ މައްސަލަތަކާ ގުޅިގެން ބެސިކްޓާސް އަށް އެނބުރި ނުދިއުމަށް ޖަރުމަން ފޯވަޑް މާރިއޯ ގޮމޭޒް ނިންމައިފި އެވެ.

މިދިޔަ ސީޒަނުގައި ފިއޮރެންޓީނާ އިން ލޯނުގެ ދަށުން ބެސިކްޓާސް އަށް ކުޅެ، ގޮމޭޒް ވަނީ އެ ކްލަބާ އެކު ތުރުކީ ލީގު ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ ލީގުގައި އެ ކްލަބަށް 26 ލަނޑު ވެސް ކާމިޔާބުކޮށްދީފަ އެވެ.

ކުރީގެ ބަޔާން މިއުނިކުގެ ކުޅުންތެރިޔާ ގޮމޭޒް، އިޓަލީގެ ފިއޮރެންޓީނާއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތް ނަމަވެސް، ބެސިކްޓާސްގެ ރައީސް ފިކްރެތު އޮރްމާން އޭނާ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.

މިދިޔަ ހުކުރު ދުވަހު ތުރުކީގެ ރައީސް ތައްޔިބް އުރްދޮގާންގެ ސަރުކާރު ވައްޓާލުމަށް ކުރި ނާކާމިޔާބު ބަޣާވާތުގެ ސަބަބުން 161 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ބިނާލީ ޔިލްޑިރިމް ވިދާޅުވެފައިވާ އިރު، ގޮމޭޒް އެ ގައުމަށް އެނބުރި ދާން ބޭނުންނުވާ ސަބަބަކީ ވެސް އެއީ އެވެ.

"އެއީ އަހަރެން ނިންމަން ޖެހުނު ވަރަށް އުނދަގޫ ނިންމުމެއް. އަހަރެން ވަރަށް ގިނަ ކަންތައްތަކަކާ މެދު ވިސްނިން. އަހަރެން ބެސިކްޓާސްގެ ސަޕޯޓަރުންނަށް ބުނެލަން އޮތީ ދެން އަހަރެންނެއް އެ ޓީމުގެ ހާއްސަ ސަޕޯޓަރުންގެ ކުރިމަތީ ނުފެންނާނެއޭ. އެ ތަފާތު ސްޓޭޑިއަމް އިން ދެން އަހަރެން ނުފެންނާނެއޭ. އެ ހުރިހާ ވެސް ސަބަބަކީ ސިޔާސީ ކަންތައްތައް. އިތުރު އެއްވެސް ސަބަބެއް އެކަމުގައެއް ނެތް،" ޖަރުމަން ފޯވަޑް ގޮމޭޒްގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި އޭނާ ލިޔެފައިވެ އެވެ.

އޭނާ ބުނީ، ފާއިތުވެ ދިޔަ ދުވަސްތަކުގައި ތުރުކީ އަށް ކުރިމަތިވީ ވަރަށް ދެރަ ކަންތައްތަކެއް ކަމަށާއި ބެސިކްޓާސްގައި ހޭދަކުރި ސީޒަނަކީ ވަރަށް ކާމިޔާބު ސީޒަނެއް ކަމަށެވެ.