ޕެޕް ގާޑިއޯލާގެ މިހާރުގެ ޓީމު މެންޗެސްޓާ ސިޓީ ގޮވައިގެން ކުރީގެ ޓީމު ބަޔާން މިއުނިކްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ.

ބަޔާންގެ އާލިއަންޒް އެރީނާގައި ރޭ ކުޅުނު އެ މެޗު 1-0 ލަނޑުން ކޯޗު ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުނު ސިޓީ ބަލިވެފައިވާ އިރު، އެ މެޗުގައި ގާޑިއޯލާ ގިނައިން ބޭނުންކޮށްފައި ވަނީ ޒުވާން ކުޅުންތެރިންނެވެ. ނަމަވެސް ކާލޯ އަންޗޮލެޓީގެ އިރުޝާދުގެ ދަށުން ކުޅުނު ބަޔާން މިއުނިކުން ޑޭވިޑް އަލަބާ، ފިލިޕް ލާމް އަދި ފްރޭންކް ރިބަރީ ފަދަ ތަރިން ފެނިގެންދިޔަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބަޔާން އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން ފުރަތަމަ ހާފުގައި ބަޔާންގެ ޖޫލިއަން ގްރީން އުފެއްދި ދެ ހަމަލާއެއް ސިޓީގެ ކީޕަރު ވިލީ ކަބަލެރޯ މަތަކޮށްފައިވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ސިޓީ އަށް ލަނޑު ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ 72 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ވިލްފްރެޑް ބޮނީ އަށް ލިބުނު ފުރުސަތެވެ. ނަމަވެސް ބޮނީ އުފެއްދި އެ ހަމަލާ ބަޔާންގެ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

ބަޔާން އިން މެޗުގައި ޖެހި ލަނޑު ފެނިގެންދިޔައީ 76 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ބަޔާން އަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އެރްމަން އޮޒްޓާކް އެވެ. ސިޓީގެ ގޯލާ 25 ޔާޑު ދުރުން އޭނާ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.