21 Jul 2016, 12:08
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ވިއްކަމުން އަންނަ ތާޒާ ފެނުގެ ހުސްފުޅި އެ ކުންފުއްޏާ ހަވާލުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން 5000 ފުޅީގެ މަތި ބޭނުންކޮށްގެން މިއުރަލްއެއް ބަހައްޓައިފި އެވެ.
އެމްޑަބްލިޔުއެސްސީ އޮފީސް ކަންމަތީ ބަހައްޓާފައިވާ އެމިއުރަލް އިން ފެންނަނީ ރާއްޖޭގެ ނާޒުކު ތިމާވެއްޓެވެ. ހުދު، ފެހި އަދި ނޫކުލައިގެ މަތިތަކުން ވަނީ ރާއްޖޭގެ ކަނޑުތަކާއި ކުދި ރަށްތައް ސިފަކޮށްދީފަ އެވެ.
އެމްޑަބްލިޔްއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވީ ފެން ކޭސް ޑެލިވާކުރާ އިރު ނުވަތަ އެނޫން ފުރުސަތުތަކުގައި ވެސް ހުސްފުޅި އެ ކުންފުންޏާ ހަވާލު ކުރުމަށް އިލްތިމާސްކުރާ ކަމަށާއި އެގޮތަށް ލިބޭ ފުޅި ރިސައިކަލް ކުރަމުން އަންނަ ކަމަށެވެ.

އެމްޑަބްލިއުއެސްސީ މެނޭޖިން ޑިރެކްޓަރު ފަޒުލް ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
"މިއިސްތިހާރު ފެންނަ ކޮންމެ ރައްޔިތަކަށް އަންގައިދޭން ބޭނުންވާ މެސެޖަކީ އަޅުގަނޑުމެން ކުރާ މަސައްކަތުގައި ބައިވެރިވުން، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތް،" ފަޒުލް ވިދާޅުވި އެވެ.
އެމްޑަބްލިޔުއެސްސީ އިން ވަނީ "ރިވެތި ރާއްޖެ، މަގޭ ރާއްޖެ" ޝިއާރުގެ ދަށުން މުޅި އަހަރަށް ބަހާލައިގެން ރީސައިކްލިން އަށް ހޭލުންތެރިކުރުމަށް ޕްރޮގްމްތަކެއް ހިންގުމަށް ނިންމައިފަ އެވެ.
އެކުންފުނީގެ ރީސައިކްލިން ޕްރޮގުރާމަކީ 2013 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ޕުރޮގުރާމެކެވެ.