21 Jul 2016, 11:29
ޕެނަމާ ސިޓީ (ޖުލައި 21): އެމެރިކާއިން 1989 ވަނަ އަހަރު ޕެނަމާއަށް އަރައިގަނެ، އެ ގައުމުގައި އަސްކަރީ ވެރިކަމެއް ކުރައްވަމުންދިޔަ ޖެނެރަލް މެނުއެލް ނޮރިއޭގާ ވެރިކަމުން ވައްޓާލި ހާދިސާ ތަހުގީގު ކުރަން ޕެނަމާގެ ސަރުކާރުން ނިންމައިފި އެވެ.
އެހާދިސާ ތަހުގީގު ކުރުމަށް ހާއްސަކޮށްފައިވާ ކޮމިޝަނުން މަސައްކަތް ކުރަނީ އެމެރިކާއިން ހިންގި އޮޕަރޭޝަނުގައި މަރުވި މީހުންގެ އަދަދާއި އެއީ ކޮން ބައެއް ކަން ދެނެގަތުމަށެވެ. އަދި މަރުވި މީހުންގެ މަރުގެ ބަދަލު ދޭން ޖެހޭތޯވެސް އެ ކޮމިޝަނުން ނިންމާނެ އެވެ.
ރަސްމީ ލިޔުންތަކުގައިވާ ގޮތުން އެ ހާދިސާގައި މަރުވީ ޕެނަމާގެ 514 ސިފައިންނާއި އާއްމުންނެވެ. ނަމަވެސް އެ ގައުމުގެ ކަމާ ބެހޭ ބައެއް ޖަމާއަތްތަކުން ބުނާ ގޮތުގައި އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 1000އަށް އަރާނެ އެވެ. ޕެނަމާ ސިފައިންގެ އިތުރުން އެއޮޕަރޭޝަނުގައި އެމެރިކާގެ 23 ސިފައިން މަރުވެފައިވެ އެވެ.
ޕެނަމާގެ ނައިބު ރައީސް އަދި ފޮރިން މިނިސްޓަރު އިޒަބެލް ޑިސެއިންޓް މާލޯ ވަނީ އެހާދިސާ ހިނގި ގޮތުގެ ހަގީގަތް ގައުމުގެ ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ޖެނެރަލް މެނުއެލް ނޮރިއޭގާ ވެރިކަމުގައި ހުންނެވި ދުވަސްވަރު އޭނާގެ ވެރިކަމަށް ފާޑުކީ ފަރާތްތައް ގެއްލުވާލުމާ ގުޅިގެން އޭނާ ގެންދަވަނީ ޕެނަމާގައި ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އަށްޑިހަތިން އަހަރުގެ ނޮރިއޭގާ ވަނީ މީގެ ކުރިން އެމެރިކާ އާއި ފްރާންސުގައި ޖަލު ހުކުމް ތަންފީޒު ކުރައްވާފަ އެވެ. (ބީބީސީ)