މިއަހަރުގެ ވޭތުވެދިޔަ ހަ މަހު ބީއެމްއެލްއަށް ރެކޯޑް އަދަދެއްގެ ސާފު ފައިދާއަކާއެކު ދެވަނަ ކުއާޓަރުގައި 480 މިލިއަން ރުފިޔާ އެ ބޭންކަން ފައިދާގެ ގޮތުގައި ލިބިއްޖެ އެވެ.

ބީއެމްއެލް އިން މިއަދު އާންމުކުރި އެ ބޭންކުގެ މިއަހަރުގެ ދެވަނަ ކުއާޓާ ރިޕޯޓް ދައްކާގޮތުން އޭޕްރީލް، މެއި އަދި ޖޫން، މި ތިންމަހު އެ ބޭންކަން ވަނީ ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 480 މިލިއަން ރުފިޔާ ލިބިފަ އެވެ. ފުރަތަމަ ތިންމަހު ނުވަތަ ފުރަތަމަ ކުއާޓަރުގައި އެ ބޭންކަށް ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި ލިބުނީ 281 މިލިއަން ރުފިޔާ އެވެ.

ޓެކުހަށް ކެނޑުމަށް ފަހު ފުރަތަމަ ތިންމަހު ނުވަތަ ފުރަތަމަ ކުއާޓަރުގައި 210 މިލިއަން ރުފިޔާ އަދި ދެވަނަ ކުއާޓަރުގައި 360 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބުނު އިރު، އެއީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަހާ އަޅާ ބަލާއިރު 152 ޕަސެންޓުގެ ކުރިއެރުމެކެވެ. ހަމަހުގެ ސާފު ފައިދާގެ ޖުމްލަ 571 މިލިއަން ރުފިޔާ އަށް އަރައެވެ.

އެ ފައިދާއާ އެކު ބީއެމްއެލް އަށް މިއަހަރު ފުރަތަމަ ތިންމަހު ލިބުނު ފައިދާ އަކީ ބީއެމްއެލްގެ ތާރީހުގައި ވެސް މާލީގޮތުން އެންމެ ކާމިޔާބު ހަ މަސް ދުވަހެވެ.

ބީއެމްއެލްއަށް މާލީގޮތުން ލިބޭ ނަފާ އަނބުރާ މުޖުތަމައަށް ދިނުމުގެ ގޮތުން މުޅި ރާއްޖެއަށް ހިންގާ 300 މިލިއަން ރުފިޔާގެ ޕްރޮގްރާމް ބޭންކުންދަނީ ކުރިއަށް ގެންދަމުންނެވެ. މި ގޮތުން ފުރަތަމަ ހަ މަސްދުވަސްތެރޭ ބޭންކުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމުގެ ގޮތުން ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ބްރާންޗް ގާއިމްކޮށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭނެ ޚިދުމަތް ދޭންފަށާފައެވެ. މީގެ އިތުރުން ދާދި ފަހުން ބޭންކުންވަނީ ހައުސިން ސެކްޓަރ ލޯނުތަކުގެ އިންޓްރެސްޓުން %2 ދަށްކޮށް އަދި ޕަރސަނަލް ލޯނުތަކުގެ އިންޓްރެސްޓް ރޭޓުން %6 ގެ އަދަދެއް ދަށްކޮށްފައެވެ

ބޭންކުން މާލީ ގޮތުން ހޯދި ނަތީޖާއާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ މާލީގޮތުން ހޯދާ ކާމިޔާބީތަކުގެ ސަބަބުން ފަރުދުންނަށާއި އާއިލާތަކަށާއި ވިޔަފާރިތިކުގެ ލާބައާއި މަންފާއަށް އިންވެސްޓްކުރުމަށް އެ ބޭންކަށް ރަނގަޅު ފުރުސަތެއް ލިބޭ ކަމަށެވެ.

"މި ކާމިޔާބު ހޯދުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރި މުވައްޒަފުންނަށާއި އަޅުގަނޑުމެންނާއެކު އިތުބާރުކަމާއެކު ކުރިއަށް ދާ ކަސްޓާމަރުންނަށް ޝުކުރު ދަންނަވަން. ކުރިއަށް އޮތް ހަ މަސްދުވަހުވެސް މާލީ ގޮތުން މި ކުރިއެރުން ދެމެހެއްޓޭނެ ކަމުގެ އިތުބާރާއި ޔަގީންކަން އެބައޮތް." އެންޑްރޫ ވިދާޅުވި އެވެ.