ކުރީގެ ކަރުދާސް ނޫޓުތަކުގެ ތެރެއިން ފަސް ރުފިޔާގެ ނޫޓުތައް ފިޔަވައި އެހެން ނޫޓުތައް ފަހުގެ ނޫޓުތަކަށް ބަދަލުކޮށްދިނުމަށް އެމްއެމްއޭ އިން އަތޮޅުތަކަށް ދަތުރުތަކެއް ފަށައިފި އެވެ.

އެމްއެމްއޭ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ކުރީގެ ނޫޓުތަކާއި ރަންދިހަފަހެއްގެ ނޫޓުތައް އެކުގައި ވިޔަފާރީގައި ބޭނުންކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ފަހުގެ ތާރިހަކީ މިމަހު 31 ކަމަށެވެ.

ނަމަވެސް އެމްއެމްއޭ އިން ބުނީ އޮތޯރިޓީ އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާ އިރު، އަދިވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ވިޔަފާރީގައި ކުރީގެ ނޫޓުތައް ބޭނުންކުރަމުން އަންނަ ކަމަށެވެ.

އެގޮތަށް ކަރުދާސް ނޫޓުތައް ބޭނުން ކުރަމުން ދާކަން ބޮޑަށް ފާހަގަކުރެވިފައި ވަނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅު އަދި ރ. އަތޮޅުގެ ރަށްރަށުގައި ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެހެންކަމުން ކުރީގެ ނޫޓުތައް ރަންދިހަފަހެއްގެ ނޫޓުތަކަށް ފަސޭހަކަމާ އެކު ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މިއަދުން ފެށިގެން މިމަހު 29 ވަނަ ދުވަހުގެ ނިޔަލަށް، އެ އަތޮޅުތަކުގެ ތެރެއިން ބީއެމްއެލްގެ ބްރާންޗްތައް ނުހުންނަ ރަށްރަށަށް ދަތުރުތަކެއް ފަށާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.