21 Jul 2016, 10:24
ދުނިޔޭގެ އެންމެ ރީތި ފިރިހެނާގެ ލަގަބު ފުރަތަމަ ފަހަރަށް ހޯދި އޭޝިއާގެ ރައްޔިތަކަށް އިންޑިއާގެ މޮޑެލްއެއް އަދި އެކްޓަރެއް ކަމަށްވާ ރޯހިތް ކަންޑެލްވާލް ވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ސައުތްޕޯޓުގައި 12 ދުވަހަށް ދެމިގެން ދިޔަ މުބާރާތަކަށް ފަހު މިސްޓަ ވޯލްޑް 2016ގެ ލަގަބު ލިބުމުން 26 އަހަރުގެ ރޯހިތު ވަނީ އޭނާގެ ހުރިހާ ފޭނުންނަށާއި އޭނާ އަށް ހިތްވަރު ދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. އަދި މުސްތަގުބަލުގައި ވާނެ ގޮތެއް ބަލަން ކެތް މަދުވެފައިވާ ކަމަށް ބުނެފަ އެވެ.

މިސްޓާ ވޯލްޑް 2016 ރޯހިތް ކަންޑެލްވާލް (މ)، ރަނަރަޕް ފާނަންޑޯ އަލްވަރޭޒް (ކ) އަދި އަލްޑޯ ރަމީރޭޒް -- ފޮޓޯ: ޓުވިޓާ
މިސްޓަ ވޯލްޑް 2016ގެ ފައިނަލަށް ދިޔަ 46 ބައިވެރިންގެ ތެރެއިން ދެވަނައަށް ދިޔައީ ޕުއޭޓުރީކޯގެ ފާނަންޑޯ އަލްވަރޭޒް އެވެ. އަދި ތިން ވަނަ އަށް ދިޔައީ މެކްސިކޯގެ އަލްޑޯ ރަމީރޭޒް އެވެ.
އިންޑިއާގެ ހައިދަރުއާބާދަށް އުފަން ރޯހިތު ވަނީ މުމްބާއީ ބަދަލުވުމަށް ފަހު އިންޑިއާގެ ޓީވީ ސީރީސްތައް ކަމަށްވާ ޔޭ ހޭ އާޝިގީ އާއި މިލިއަން ޑޮލާ ގާލްގައި އެކްޓްކޮށްފަ އެވެ. (ހިންދުސްތާން ޓައިމްސް)