21 Jul 2016, 09:23
މާލެއަށް ވުރެ ގިނައިން އަތޮޅުތެރޭގައި ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުން ތަރައްގީ ކުރަނީ މާލެ އެކަނި ކަމަށް ބުނާތީ ސަންއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަތޮޅުތެރޭގައި ތަރައްގީގެ ބޮޑެތި މަޝްރޫތަކެއް ކުރިއަށް ދާ ކަމަށެވެ.
އެގޮތުން ހިންމަފުއްޓާއި ގދ. ތިނަދޫ އަދި ސ. ފޭދޫގެ ބިން ދާދި ފަހުން ހިއްކާފައިވާ އިރު މިދިޔަ ދެ އަހަރު ތެރޭގައި ބިން ހިއްކުމުގެ ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި ކަމަށް ވިދާޅުވި އެވެ. ހަމަ އެހެންމެ ތ. ގުރައިދޫއާއި، މ. މުލީގެ ބިންހިއްކުން މިހާރު ކުރިއަށްދާކަން ފާހަގަކުރެއްވި އެވެ.
މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމުގެ މަޝްރޫގެ ދަށުން 20 ރަށުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ އިރު 50 ރަށެއްގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. އަދި އައްޑޫ އާއި ފުވައްމުލަކުގެ އިތުރުން އަތޮޅުތެރޭ އެކި ހިސާބުތަކުގައި ގެދޮރު ބިނާކުމުރުގެ މަޝްރޫތައް ކުރިއަށްދާކަން ފާހަގަކުރެއްވި އެވެ.
"މާލެއަށް ވުރެ ވެސް ގިނައިން އަތޮޅު ތެރޭގައި ގެދޮރު ބިނާކުރުމާއި އުމުރާނީ ތަރައްގީގެ އެކި ކަހަލަ މަސައްކަތްތައް ބާރު މިނުގައި ހަމަ ކުރިއަށްއެބަދޭ." މިނިސްޓަރު ވިދާޅުވި އެވެ.
އަތޮޅުތެރޭގައި ގިނަ އަދަދެއްގެ މަޝްރޫތައް ހިންގާކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެފައިވާ އިރު މިސަރުކާރުން ދަނީ މާލެއާއި މާލެ ސަރަހައްދުގައި ވެސް ގިނަ އަދަދެއްގެ އުމުރާނީ މަސައްކަތްތައް ކުރަމުންނެވެ.