21 Jul 2016, 02:59
ހުސްވި ހަފުތާގައި ތުރުކީގެ ވެރިކަން ވައްޓާލުމަށް ކުރި ނާކާމިޔާބު ބަޣާވާތާ ގުޅިގެން އެގައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރުދޫޣާން ތުރުކީގައި ތިން މަސްދުވަހަށް ކުއްލި ހާލަތު އިއުލާނުކުރައްވައިފިއެވެ.
ބަޣާވާތާ ގުޅިގެން ތުރުކީގައި ވަނީ 24 ބްރޯޑްކާސްޓަރުންގެ މީޑިއާ ލައިސަންސް ބާތިލްކޮށްފައި
- އެތަކެއް ހާސް ޓީޗަރުންނާއި، ނޫސްވެރީންނާއި އަދި ފަނޑިޔާރުން ވަނީ ވަޒީފާއިން ވަކިކޮށްފައި.
ރައީސް އުރުދޫޣާން ވަނީ، ބުދަދުވަހު އޭނާގެ ސަލާމަތީ މަޖިލީހާއި އަދި މިނިސްޓަރުންނާ ވެސް ބައްދަލުކުރައްވައި، އެގައުމުގައި ކުއްލިހާލަތު އިއުލާނުކުރުމަށް ރުހުން ހޯދައިފައެވެ.
"ގައުމުގައި ކުއްލި ހާލަތު އިއުލާނުކުރުމުގެ ބޭނުމަކީ، ޑިމޮކްރަސީއާއި ގާނޫނީ ވެރިކަމާއި، އަޅުގަނޑުމެންގެ ރައްޔިތުންނާއި ގައުމުގެ މިނިވަންކަމަށް ދިމާވެފައިވާ މި ނުރައްކާތެރި ހާލަތުން ވީއެންމެ އަވަހަކަށް އަރައިގަތުމަށް އެޅެންހުރި މުހިއްމު ފިޔަވަޅުތައް އެޅުން،" އުރުދޫޣާން ވިދާޅުވިއެވެ.

ތުރުކީ ސަރުކާރު ވައްޓާލުމަށް ކުރި ނާކާމިޔާބު ބަޣާވާތާގުޅިގެން ހައްޔަރުކޮށްފައިވާ އެތަކެއް ސަތޭކަ މީހުން -- ފޮޓޯ: ސީއެންއެން
ތުރުކީ ސިފައިންގެ މެދުފަންތީގައި ހިމެނޭ މަދުބަޔަކު ގެންނަން މަސައްކަތްކުރި މި އިންގިލާބު ނާކާމިޔާބުކޮށްލާފައިވާއިރު، އެގައުމުގެ ސަރުކާރުން ވަނީ، ބަޣާވާތާ ގުޅިގެން މިހާތަނަށް 50،000 މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށް ނުވަތަ ވަޒީފާއިން ވަކޮށްފައެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ، ތުރުކީގެ ސަލާމަތީ ދާއިރާތަކާ ގުޅުންހުރި ފަރާތްތަކާއި ޑިމޮކްރަޓިކް ދާއިރާތަކާ ގުޅުންހުރި ފަރާތްތަކެވެ.
އޭގެ ތެރޭގައި ޓީޗަރުންނާއި، ނޫސްވެރީންނާއި، ފަނޑިޔާރުންނާއި ފުލުހުން އަދި އަސްކަރިއްޔާގައި ހިމެނޭ ގިނަބަޔަކު ހިމެނޭއިރު މިހާތަނަށް 9400 މީހުން ހައްޔަރުކޮށްފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރޭގައި ގިނައީ، ސަލާމަތީ ބާރުތަކަށް ނިސްބަތްވާ ފަރާތްތަކެވެ.

ތުރުކީ ސަރުކާރު ވައްޓާލުމަށް ކުރި ނާކާމިޔާބު ބަޣާވާތް ރޭވުމުގައި އިސްކޮށް އުޅުނުކަމަށް ބެލެވޭ ފަނޑިޔާރަކަށް ހަމަލާ ދިނުމަށް އެގައުމުގެ ރައްޔިތުންތަކެއް މަސައްކަތްކުރުމުން ފުލުހުން އެމީހުން އެތަނުން ދުރުކުރާން މަސައްކަތްކުރަނީ -- ފޮޓޯ: ސީއެންއެން
ނާކާމިޔާބުވި ބަޣާވާތަށް ފަހު އެކަމުގައި ބައިވެރިވި ފަރާތްތަކަށް ހަރުކަށި އަދަބުތައް ދިނުމާއި މަރުގެ ހުކުމް ތަންފީޒުކުރާނޭ ކަމަށް ތުރުކީން ބުނެފައިވާއިރު، ހުޅަނގުގެ ގައުމުތަކުގެ ލީޑަރުން ދަނީ، ތުރުކީގެ ގާނޫނު އަސާސީއާއި ޑިމޮކްރަޓިކް ހަމަތަކަށް އިހްތިރާމްކުރުމަށް ރައީސް ރަޖަބް ޠައްޔިބު އުރުދޫޣާނަށް ގޮވައިލަމުންނެވެ.
ތުރުކީގެ ސްޓޭޓް ބްރޯޑްކާސްޓަރ ޓީއާރުޓީން ޚަބަރުތައް ފަތުރާގޮތުގައި އުރުދޫޣާންގެ ސަރުކާރުން މިހާރު ވަނީ، އެގައުމުގެ އަސްކަރިއްޔާގައި ހިމެނޭ ޖެނެރަލުންނާއި އެޑްމިރަލް ފެންވަރުގެ 118 ފަރާތެއްގެ ރޭންކުތައް ނަގައިފައެވެ.
މީގެ އިތުން ތުރުކީގެ މިނިސްޓްރީ އޮފް އިންޓީރިއާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފުލުހުން ހިމެނޭގޮތަށް 8777 ފަރާތެއް ސަސްޕެންޑް ކޮށްފައިވާއިރު، ތުރުކީގެ އިންޓެލިޖެންސްގައި މަސައްކަތްކުރާ 100 ފަރާތެއްވެސް ސަސްޕެންޑް ކޮށްފައިވާކަމަށް ތުރުކީ ސަރުކާރުން ހިންގާ އަނަދޫލު ނޫހުން މައުލޫމާތު ދެއެވެ.
ތުރުކީގައި ނާކާމިޔާބުވި ބަޣާވާތުގައި ބައިވެރިވި ސިފައިންގެ ބޭކަލުންތަކެއް ހައްޔަރުކޮށްގެން ކޯޓަށް ގެންދަނީ: ތުރުކީއަށް ގެންނަން އުޅުނު ބަޣާވާތާ ގުޅުންހުރި 8000 އަށްވުރެ ގިނަ ފުލުސް އޮފިސަރުން ވަނީ ސަސްޕެންޑް ކޮށްފައި --- ފޮޓޯ/ އޭޕީ
ބަޣާވާތާ ގުޅިގެން އޭގެ ނުރަނގަޅު އަސަރުކުރި ބައެއް ފަރާތްތައް
- ޕްރައިވެޓް އިންސްޓިޓިއުޝަން ތަކުގައި މަސައްކަތްކުރާ 21,738 ޓީޗަރުންގެ ލައިސަންސްވަނީ ބާތިލުކޮށްފައި.
- ފަނޑިޔާރުންނާއި ވަކީލުން ހިމެނޭގޮތަށް 2,745 ފަރާތެއް ވަނީ ހައްޔަރުކުރުމަށް ނިންމާފައި. އަދި މިހާތަނަށް އެ އެންމެ ހައްޔަރުކުރިކަން އެނގިފައެއް ނެތް.
- ޔުނިވަރސިޓީތަކުގެ ޑީންގެ މަގާމުގައި ތިބި 1,577 ފަރާތަކަށް ވަނީ މަގާމުން ވަކިވުމަށް އަމުރުކޮށްފައި.
ތުރުކީގެ ދައުލަތުގެ މީޑިއާއިން މައުލޫމާތުދޭ ގޮތުގައި އެގައުމުގެ ބްރޯޑްކާސްޓަރުންގެ ބެލެނިވެރިފަރާތުން ވަނީ، ބަޣާވާތް ރޭވިކަމަށް އުރުދޫޣާން ތުހުމަތުކުރައްވާ، ފަތަހުﷲ ޣޫލާންއާ ގުޅުންހުރި 24 ރޭޑިއޯ އަދި ޓީވީ ސްޓޭޝަންތަކުގެ ލައިސަންސްވެސް ބާތިލުކޮށްފައެވެ.
އަމިއްލައަށް އަރުވާލެވިގެން ކަމަށް އިއުލާނުކޮށް އެމެރިކާގައި ދިރިއުޅެމުންދާ ޣޫލާން ޑީޕޯޓްކޮށް ތުރުކީ ސަރުކާރާ ހަވާލުކުރުމަށް އެގައުމުން މިހާރު ވަނީ އެމެރިކާ ސަރުކާރުގައި ރަސްމީކޮށް އެދިފައެވެ.
ތުރުކީގައި ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބުވީ ރައީސް އުރުދޫޣާނަށް ތާއީދުކުރާ އެ ގައުމުގެ އާންމު ރައްޔިތުންނާއި ފުލުހުން ރޭގަނޑު ނުކުމެ މަގުތައް ފުރާލައި، ބަޣާވާތް ކުރަން މަސައްކަތްކުރި ސިފައިން މައިތިރި ކުރުމުންނެވެ. ފުލުހުން ވަނީ ބަޣާވާތުގައި ބައިވެރިވި ސިފައިންގެ 2،000 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފަ އެވެ.
ތުރުކީގެ ބަޣާވާތް ހުއްޓުވުމަށް ނުކުތް ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 60 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.