21 Jul 2016, 03:10
އުރީދީ ދިވެހި ޕްރިމިއާ ލީގްގައި މިރޭ ކުޅުނު މެޗުގައި ބީޖީ އަތުން ހަނި ގޮތަކަށް 1-0ގެ ނަތީޖާ އަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މޮޅުވެއްޖެއެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރީންތަކަކާއެކު ބީޖީއާ ދެކޮޅަށް ކުޅެ އެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ޖުމްލަ 20 ޕޮއިންޓް ލިބިގެން މާޒިޔާ އިން ވަނީ ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ހޯދައިފައެވެ. ބީޖީ އޮތީ ތިން ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.
ގައުމީ ކެޕަޓްން އަލީ އަޝްފާގު (ދަގަނޑޭ) މާޒިޔާއަށް ބަދަލުވެ ފުރަތަމަ 11ގައި ހެމެނިގެން ކުޅުނު މި މެޗުގައި، ފެނިގެން ދިޔަ ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނީ އަސަދުﷲ އަބްދުﷲ އެވެ. އޭނާ އެގޯލު ކާމިޔާބު ކުރީ މެޗުގެ 41 ވަނަ މިނެޓްގައި މުހައްމަދު އުމައިރު ނަގައިދިން ކޯނަރެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ދެ ޓީމްގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނިގެން ދިޔަ އެމެޗުގެ ދެވަނަ ހާފްގައި މާޒިޔާއިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ލީޑް ފުޅާކުރެވޭތޯ ގިނަ މަސަތްކަތްތަކެއް ކޮށްފައެވެ. އެގޮތުން އަހުމަދު ނާޝިދު (ނާއްޓޭ) ބީޖީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ނަގައިދިން ހުރަސް އަސައްކޮ ފޮނުވާލި ނަމަވެސް އެ ބޯޅަ ގޯލަށް އަމާޒުކޮށެއް ނުލެވުނެވެ.
ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށް ފަހު މިރޭ ދަގަނޑޭ ކުޅެން ނިކުމެ ވަނީ ނުރައްކާތެރި ހަމަލާއެއްވެސް އުފައްދާފައެވެ. އެގޮތުން ބިޖީގެ ޕެނަލްޓީއޭރިއާ ތެރެއިން ހިފައިގެން ދިޔަ ބޯޅަ ކީޕަރު ކައިރިން ވެސް ނައްޓާލިނަމަވެސް އޭނާއަށް އެބޯޅަ ގޯލަށް ފޮނުވައެއް ނުލެވުނެވެ.
މެޗު ނިމެން ދަނިކޮށް ބީޖީއިން ވެސް ވަނީ ރަނގަޅު ހަމަލާއެއް އުފައްދަން މަސަތްކަތް ކޮށްފައެވެ. އިބްރާހިމް ހަމްދާން ނަގައިދިން ހުރަސް ބިދޭސީ ފޯވާޑް ކިންގްސްލީ ފޮނުވާލި ނަމަވެސް އެ ބޯޅަ ކީޕަރު އިމްރާން މުހައްމަދު ވަނީ ހުށިޔާރު ކަމާއި އެކު ދިފާއުކޮށްފައެވެ.
ލީގްގައި މާދަމާ ވެސް ދެމެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ހަވީރު ކުޅޭ މެޗުގައި އީގަލްސް އާއި ދެކޮޅަށް ވެލެންސިއާ ނިކުންނައިރު ރޭގަނޑު އޮންނާނީ ޔުނައިޓެޑް ވިކްޓަރީ އާއި ނިއުރޭޑިއަންޓް ކުޅޭ މެޗެވެ.