21 Jul 2016, 00:58
އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބު، ފައިނަލްގައި ބަލިކޮށް މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ސަލްސާ ވޮލީ ބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މޯލްޑިވިއަން އިން މިރޭގެ މެޗު ކާމިޔާބު ކުރީ ތިން ސެޓް އެއް ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓްގައި ކުޅުނު އެމެޗުގެ ފުރަތަމަ ދެ ސެޓް މޯލްޑިވިއަން އިން ވަނީ ކާމިޔާބް ކޮށްފައެވެ. އެއީ ފުރަތަމަ ސެޓް 25-17 އިން އަދި ދެވަނަ ސެޓް 25- 19 އިންނެވެ.

ސަލްސާ ވޮލީ ބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލްގައި ދިވެހި ސިފައިންގެ ކުލަބު އާއި މޯލްޑިވިއަން ބައްދަލު ކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ
ނަމަވެސް ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ ތިން ވަނަ ސެޓް ސިފައިން ވަނީ 25-23 އިން މޯލްޑިވިއަންގެ މައްޗަށް ކުރިހޯދައިގެން ކާމިޔާބް ކޮށްފައެވެ.
ހަތަރު ވަނަ ސެޓަށް ދެ ޓީމް ނިކުތް އިރު އެ ސެޓް ކާމިޔާބް ކޮށްގެން މޯލްޑިވިއަން އަށް ޗެމްޕިއަންކަން ކަށަވަރު ވާނެ އިރު ސިފައިންނަށް ވަނީ އެ ސެޓް ކާމިޔާބް ކޮށް އިތުރު ސެޓެއް ކުޅުމުގެ ފުރުސަތު ތަނަވަސް ކުރަން ފުރުސަތު ލިބިފައެވެ. ނަމަވެސް މޯލްޑިވިއަން އިން ވަނީ ސިފައިންނަށް އެ ފުރުސަތު ނުދީ 25-19 އިން ސިފައިން ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ.
ޖުމްލަ ހަތް ޓީމް ވާދަކުރި އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވިއަންގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. އެންމެ މޮޅު 21 އަހަރުން ދަށުގެ ކުޅުންތެރިއަކަށް މޯލްޑިވިއަންގެ ހަސަން ނިލާމް ހޮވުނު އިރު އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ސްޕޯޓްސް ކުލަބު ސިޓީގެ މުހައްމަދު މިމްރާހް އެވެ.