20 Jul 2016, 23:45
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް އީދު ކަމަށްވާ ޔޭޔޭ އައިޑިއާސް ކަޕް ފަށައިފި އެވެ.
ހއ. ކެލާ އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަންމެންޓަލް އެވެއާނަސް ސޮސައިޓީ (އައިޑިއާސް) އިން އިންތިޒާމުކޮށްގެން ބާއްވާ އައިޑިއާސް ކަޕް މިރޭ ފެށުނު އިރު، ފުރަތަމަ މެޗުގައި ތުޅާދޫގެ މައްޗަށް ކޮޅުފުށި ވަނީ ކުރި ހޯދައިފަ އެވެ.
ކުޅިވަރު އެކުވެނި ވެލިދަނޑުގައި މިރޭ ކުޅުނު ގްރޫޕް އޭގެ މެޗުގައި ތުޅާދޫގެ މައްޗަށް ކޮޅުފުށި ކުރި ހޯދީ 2-1 ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ކޮޅުފުށީގެ އަބްދުﷲ ޝުޖާއު ލަނޑެއް ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ލަނޑަކީ ތުޅާދޫގެ އީމާން އިލްޔާސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގައި ތޫޅާދޫ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާފިގު ރަޝީދު އެވެ. އެ މެޗު ނިމެން ދަނިކޮށް ތުޅާދޫ އިން ނަތީޖާ ހަމަހަމަކުރުމަށް ބުރަ މަސައްކަތްތަކެއް ކުރި އިރު، އެ ޓީމަށް ލަނޑުޖަހާނެ ފުރުސަތުތަކެއް ވެސް ލިބި ބޭކާރުވެގެންދިޔަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކޮޅުފުށީގެ އިބްރާހިމް ފުރުގާން (ފުގޭ) އެވެ.
މިރޭ ކުޅުނު ފަހު މެޗުގައި ރެއިންބޯ އަތުން މަޑަވެލި ވަނީ މޮޅުވެފަ އެވެ. ގްރޫޕު ބީގެ އެ މެޗުގައި ރެއިންބޯގެ މައްޗަށް މަޑަވެލިން ކުރި ހޯދީ 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު މަޑަވެއްޔަށް ކާމިޔާބުކޮށްދިނީ ނާއިފް ޝަފީގެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މަޑަވެލީގެ ކީޕަރު މުހައްމަދު ރަޝީދު އެވެ.
އެ މުބާރާތުގައި މާދަމާ ރޭ ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ރޭ 8:00ގައި ކުޅޭ ގްރޫޕް ސީގެ މެޗުގައި އޮމަދޫ އާއި ވިންސެންޑޯ ބައްދަލުކުރާ އިރު، މާދަމާ ރޭ 9:00ގައި ކުޅޭ ގްރޫޕް ޑީގެ މެޗުގައި ބައްދަލުކުރާނީ ކްލަބު އިމިގްރޭޝަނާއި ލަގަނާ އެވެ. އަދި މާދަމާ ރޭ 10:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ބީއެމްއެލް އާއި ނައިފަރެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ 12 އަށް ކުރިއަށްދާ އައިޑިއާސް ކަޕުގައި 24 ޓީމެއް ވާދަކުރާ އިރު، އެ ޓީމުތައް ހަ ގްރޫޕަކަށް ބަހާލާފައިވެ އެވެ.
މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އޭގެ އިތުރުން ތިން ވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ހަތަރު ޓީމަކަށް ވެސް ގަދަ 16 އިން ޖާގަ ލިބޭނެ އެވެ.
މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާ އިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ. ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާގެ މަގާމު ހޮވުމަށް ނިންމާފައިވެ އެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީސަންއޮންލައިނެވެ.