މިދިޔަ އަހަރު ނިމުނު އިރު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ލިބެންޖެހޭ 1.2 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އެ ކޮމިޝަނުން ހޯދާފައި ނުވާކަމަށް، 2015 ވަނަ އަހަރުގެ އެ ކޮމިޝަނުގެ އޮޑިޓު ރިޕޯޓުގައި ބުނެފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސާގެ މަގާމުގައި މިދިޔަ އަހަރު ހުންނެވީ މަރިޔަމް އަޒްރާ އަހްމަދެވެ. އޭނާއާއި ކޮމިޝަނުގެ ގިނަ މެމްބަރުންގެ ދައުރު ހަމަވުމުގެ ސަބަބުން މިދިޔަ އަހަރު އެ ކޮމިޝަނަށް އާ މެމްބަރުން ވަނީ ހޮވައިފަ އެވެ. ކޮމިޝަނުގެ ކުރީގެ ރައީސާ އަޒްރާގެ ދައުރު ހަމަވި އިރު އޭނާ ވަނީ ސަރުކާރުގެ ސިޔާސީ މަގާމެއް ކަމުގައިވާ ޖެންޑާ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް އައްޔަނު ކޮށްފަ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މިހާރުގެ ރައީސާއަކީ އައިމިނަތު އީނާސް އެވެ.

ހޯމަ ދުވަހު އޮޑިޓާ ޖެނެރަލް ނެރުއްވި އެޗްއާރުސީއެމްގެ 2015 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، މިދިޔަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަނުގެ ޚަރަދުތައް ރަނގަޅަށް ބަލަހައްޓާފައި ނުވާ ކަމަށެވެ. އެގޮތުން ވަކި ކަމަކަށް ޚަރަދު ކުރުމަށް ކަނޑައަޅާފައިވާ ފައިސާ، އެހެން ކަންކަމަށް ކަނޑައަޅާފައި ހުރި ބަޖެޓުތަކުން ޚަރަދު ކޮށްފައިވާކަމަށް ރިޕޯޓުގައި ބުނެފައި ވެ އެވެ.

ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރު ދަތުރުފަތުރުގެ ބަޖެޓުން 70،390 ރުފިޔާ އިތުރަށް ޚަރަދު ކޮށްފައިވާ ކަމަށާއި، ތަންތަން މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ބަޖެޓުން 303،328 ރުފިޔާ އިތުރަށް ޚަރަދު ކޮށްފައިވާ އިރު ލިބިފައިވާ ގެއްލުމެއް ހަމަޖެއްސުމުގެ ބަޖެޓުން 105 ރުފިޔާ އިތުރަށް މިދިޔަ އަހަރު ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރަށް ކަނޑައެޅި ޖުމްލަ ބަޖެޓަށް ވުރެ 97،569 ރުފިޔާ އިތުރަށް ޚަރަދު ކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

އެޗްއާރުސީއެމުން 2011 ވަނަ އަހަރުން 2014 ވަނަ އަހަރަށް، ހިއުމަން ރައިޓްސްގެ ދާއިރާއިން ކޯސްތަކެއް ފުރިހަމަ ކުރުމަށް ހަތަރު މުވައްޒަފަކު އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސްކޮލަޝިޕުގައި ރާއްޖެއިން ބޭރަށް ފޮނުވި އިރު، އެ ހަތަރު މުވައްޒަފުން ވެސް ކޯސް ފުރިހަމަ ނުކޮށް ވަނީ މާލެ އައިސްފަ އެވެ.

އެ މުވައްޒަފުންނާ އެކު ހެދިފައިވާ އެއްބަސްވުމުގައިވާ ގޮތުން ކޯސް ފުރިހަމަ ނުކޮށް އެނބުރި އައިސްފި ނަމަ ކޯހަށް ކޮމިޝަނުން ކުރި ޚަރަދުގެ ބަދަލު ހޯދަން ޖެހެ އެވެ. އަދި މުވައްޒަފުން އެއްބަސްވުމާ އެއްގޮތަށް ކަން ނުކުރާ ނަމަ ގެއްލުމުގެ ބަދަލު ހޯދަން އެޗްއާރުސީއެމްއިން މައްސަލަ ޝަރީޢަތަށް ހުށަހެޅޭނެ އެވެ.

އެހެން ނަމަވެސް، މިދިޔަ އަހަރު ނިމުމާ ހަމައަށް ވެސް، ކޮމިޝަނުގެ ބަޖެޓުން ސްކޮލަޝިޕަށް ކުރި ޚަރަދުގެ ބަދަލު ހޯދުމަށް ކޮމިޝަނުން މަސައްކަތް ކޮށްފައި ނުވާކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައި ވެ އެވެ. ކޮމިޝަނުގެ ބަޖެޓުން އެ ސްކޮލަޝިޕުތަކަށް 1،158،700 ރުފިޔާ ޚަރަދު ކޮށްފައި ވެ އެވެ.

މީގެ އިތުރުން އޮޑިޓު ރިޕޯޓުގައި ބުނީ ރަސްމީ ކަންކަމުގައި ރާއްޖެއިން ބޭރަށް ދިއުމަށް މަތިންދާ ބޯޓު ޓިކެޓު ނެގުމަށް ފަހު ޓިކެޓު ކެންސަލް ކޮށްފައިވާ އިރު އެކަމާ ބެހޭ ލިޔެކިޔުންތައް ރަނގަޅަށް ބަލަހައްޓާފައި ނުވާތީ، ޓިކެޓު ކެންސަލްކުރީ މަގުބޫލު އުޒުރެއް އޮވެގެންތޯ ނުވަތަ ނޫންތޯ އެނގެން ނެތް ކަމަށެވެ.

އަދި ޓިކެޓު ރީފަންޑު ކުރުމުގައި ދައުލަތަށް 8،604 ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށާއި، ޓިކެޓު ރީފަންޑުގެ ގޮތުގައި މިދިޔަ އަހަރާ ހަމައަށް ކޮމިޝަނުގެ ދަތުރުފަތުރުގެ ޚަރަދަށް 52،423 ރުފިޔާ ލިބެން ޖެހޭ އިރު މި ފައިސާ ހޯދަން ކޮމިޝަނުން މަސައްކަތް ކޮށްފައި ނުވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައި ވެ އެވެ.