ގއ. ކަނޑުހުޅުދޫގައި 17 އަހަރުގެ ކުއްޖަކު ބަލިވެއިންކަމަށް ރިޕޯޓުކުރުމާ ގުޅިގެން އެމައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ 'ސަން' އަށް މިރޭ ވިދާޅުވީ ކުއްޖަކު ބަލިވެއިން މައްސަލައެއް މިމަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި ޖެންޑަ މިނިސްޓްރީއާ ގުޅިގެން ފުލުހުން އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެމައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުން ފުލުހުންނަށް އެމައްސަލަ ހުށަހަޅާފައިވަނީ ކުއްޖާގެ ބައްޕަ އެވެ. އެކުއްޖާ ބަނޑުގައި ރިއްސާތޯ ޑޮކްޓަރަށް ދެއްކުމުން ކުއްޖާ ބަލިވެއިން ކަމަށާއި ބަނޑަށް ދެމަސްކަމަށް ޑޮކްޓަރުން ބުނެފައިވާކަން 'ސަން' އަށް ވަނީ އެނގިފަ އެވެ.

އެނގިފައިވާ ގޮތުން އެކުއްޖާ 17 މީހުންނާއެކު ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް އެކުއްޖާ ބުނެފައިވެ އެވެ.