20 Jul 2016, 21:45
މާލެ އަތޮޅުގައި ފުރަތަމަ ފަހަރަށް ކަނޑު އަޑީގެ ރެސްޓޯރަންޓަކާ އެކު، "އޯޒެން ބައި އެޓްމޮސްފިއާ އެޓް މާދޫ" ކ. މާދޫފިނޮޅުގައި ހުޅުވައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ހުޅުވި އޯޒެން ބައި އެޓްމޮސްފިއާ އެޓް މާދޫ ރިސޯޓަކީ ރާއްޖޭގެ ހޮސްޕިޓަލިޓީ ބްރޭންޑު "އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް"ގެ ތިންވަނަ ރިސޯޓެވެ. އެޓްމޮސްފިއާ ބްރޭންޑުގެ ދަށުން ޅ. އަތޮޅުގައި އެޓްމޮސްފިއާ ކަނިފުށި މޯލްޑިވްސްއާއި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މާލެ އަތޮޅު ހެލެނގެލީގައި ހުޅުވުނު "އޯބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލެނގެލި" ދަނީ ހިނގަމުންނެވެ.

އޯޒެން ބައި އެޓްމޮސްފިއާ އެޓް މާދޫ -- ފޮޓޯ/ އޯޒެން
ޖުލައި 15 ވަނަ ދުވަހު މާދޫގައި ހުޅުވުނީ ކަނޑު އަޑީގެ ރެސްޓޯރަންޓަކާ އެކުގަ އެވެ. "މައިނަސް ސިކްސް މީޓާސް" ނަމަކަށް ކިޔާ މި ރެސްޓޯރަންޓުގެ އިތުރުން ހަތަރު ރެސްޓޯރަންޓެއް ހުރެ އެވެ.
ރާއްޖޭގައި ހުރި އެހެނިހެން އަންޑަވޯޓާ ރެސްޓޯރަންޓްތަކުގެ ތެރޭގައި ކޮންރާޑް މޯލްޑިވްސް ރަންގަލީގައި ހުންނަ އިތާ ރެސްޓޯރަންޓާއި، ބ. ކިހަވަށް ހުރަވަޅީގައި ހަދާފައިވާ އަނަންތާރާ ކިހަވަށް ވިލާސް ރިސޯޓުގެ "ސީ" ރެސްޓޯރަންޓާއި، ، ޕާ އެކުއަމް ނިޔާމަ ރިސޯޓުގައި ހުންނަ "ސަބްސިކްސް" ރެސްޓޯރަންޓުގެ އިތުރުން ޅ. ހުރަވަޅީގައި ހުޅުވުމަށް ތައްޔާރުވާ ހުރަވަޅި އައިލެންޑް ރިސޯޓުގައި ބަހައްޓާ ކަނޑު އަޑީގެ އެންމެ ބޮޑު ރެސްޓޯރަންޓް ފާހަގަ ކޮށްލެވެ އެވެ.
އޯޒެން ބައި އެޓްމޮސްފިއާ އެޓް މާދޫ -- ފޮޓޯ/ އޯޒެން
މާދޫ ރިސޯޓު ހުޅުވިފައިވާ އިރު، އެތަން ހަދާފައި ވަނީ މާދޫއާއި، މާދޫ ކައިރީގައި އޮންނަ ކުޑަ ތިން ފިނޮޅު ބޭނުންކޮށްގެންނެވެ. އޭގެ ތެރެއިން ދެ ފިނޮޅެއް އޮންނަނީ ފާލަމަކުން މާދޫއާ ގުޅާލައިފަ އެވެ.
މާދޫގައި 41 ބީޗު ވިލާ ހުންނަ އިރު، މާދޫގެ އުތުރުން އޮންނަ ފިނޮޅާ ގުޅުވާލާފައި އޮންނަ 48 މޫދު ކޮޓަރި ހުރެ އެވެ. އަދި 430 އަކަ މީޓަރު ހުންނަ "އޯޒެން ސުއީޓް" ނަމަކަށް ކިޔާ މާސިންގާ ވޯޓަރ ވިލާއެއްވެސް ހުރެ އެވެ. މިއިން ބައެއް ވިލާތަކުގައި އަށް މީޓަރުގެ ޕްރައިވެޓް ސްވިމިންގ ޕޫލު ހުރެ އެވެ.