ދެކުނު އޭޝިއާ ސަރަހައްދުގެ އެކި ގައުމުތަކުން ބައިވެރިވެގެން ބާއްވާ ފުރަތަމަ އިސްލާމިކް ފައިނޭންސް ފޯރަމް އަންނަ ހަފްތާގައި ސްރީލަންކާގެ ކޮލޮމްބޯގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާގެ ފުރަތަމަ ފޯރަމް އޮންނާނީ ޖުލައި 26 އަދި 27 ވަނަ ދުވަހު، ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ރަމަދާ ހޮޓެލްގަ އެވެ.

މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސަކީ މި ފޯރަމްގެ ޕާޓްނަރެކެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސްގެ ޗެއާމަން ޑރ. އާއިޝަތު މުނީޒާ ވިދާޅުވީ، މި ފޯރަމްގައި، ރާއްޖޭގައި ހުރި އިސްލާމިކް ފައިނޭންސް ޚިދުމަތް ފޯރުކޮށްދޭ މައިގަނޑު މުއައްސަސާތަކުން ބައިވެރިވާ ކަމަށެވެ.

އެގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކް، ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ، އަމާނާ ތަކާފުލް، އެލައިޑް އިންޝޫރަންސްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލް، ހައުސިން ޑިވެލޮޕްމެންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ އިސްލާމިކް ވިންޑޯ އެޗްޑީއެފްސީ އަމްނާ އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ އިތުރުން އިތުރު ފަރާތްތަކުން ބައިވެރިވާނެ ކަމަށް މުނީޒާ ވިދާޅުވި އެވެ.

ރާއްޖޭގެ އިތުރުން އިންޑިއާ، ޕާކިސްތާން، ސްރީލަންކާ އަދި ބަންގްލަދޭޝްގެ އިސްލާމިކް ފައިނޭންސް ސެންޓަރުތަކުގެ މަންދޫބުން ބައިވެރިވާ އިރު، އެމެރިކާ، ސިންގަޕޫރު، މެލޭޝިއާ މޮރިޝަސް، ޔޫއޭއީ އަދި ކުވައިތުން އިސްލާމިކް ފައިނޭންސް އެކްސްޕާޓުން ބައިވެރިވާނެ އެވެ.

މި ފޯރަމްގައި އެކި ގައުމުތަކުގެ ފައިނޭންސް އިންސްޓިޓިއުޝަންތަކުގެ އިސްވެރިން ވާހަކަ ދެއްކެވުމަށް ހަމަޖެހިފައި ވެ އެވެ. މި ފޯރަމްގައި މަޝްވަރާ ކުރެވޭނެ މައިގަނޑު އެއް މައުޟޫއަކީ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުމަށް އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އެހީތެރިވެދޭނެ ގޮތެވެ.

ފޯރަމްގައި މަޝްވަރާ ކުރެވޭނެ އެހެނިހެން މައުޟޫއުތަކުގެ ތެރޭގައި މައިކްރޯފައިނޭންސް، ކެޕިޓަލް މާކެޓު އަދި އެސެޓު މެނޭޖްމެންޓް ހިމެނެ އެވެ.