ތަހުޒީބު އިގުތިސާދެއް ބިނާކުރުމަށްޓަކައި ސަރުކާރުން ގެންނަ ބަދަލުތަކާ ބެހޭގޮތުން ދަރުމަވަންތަ ސްކޫލްގެ ކްލާހެއްގެ ސެޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު މިއަދު ކިޔަވައިދެއްވައިފި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، ރައީސް ނަޝީދު އެ ސެޝަންގައި ކިޔަވައި ދެއްވީ، އެސްކޫލްގެ ގްރޭޑް 10އެއްގައި ކޮމާރސް އަދި އިކޮނޮމިކްސް ކިޔަވާ ކުދިންނަށެވެ.

ރަނގަޅު ހަރުދަނާ އިގުތިސާދެއްގެ ބޭނުމާއި، އެފަދަ އިގުތިސާދެއްގައި ހުންނަންވީ ސިފަތައް، ކުދިންނަށް ރައީސް އޮޅުންފިލުއްވައިދެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ޓެކްސްގެ ނިޒާމަށް ގެނައުމަށް ސަރުކާރުން ހުށަހަވާ ބަދަލުތަކާއި، އެބަދަލުތަކުގެ ސަބަބުން އުފެއްދުންތެރިކަން އިތުރުވާނެ ގޮތްތަކާ ބެހޭގޮތުންވެސް ރައީސް އެކުދިންނަށް މައުލޫމާތު ދެއްވި އެވެ.

އެ ސެޝަން ބެލުމަށް ގިނަ ކުދިންތަކެއް ޝައުގުވެރިކަން ފާޅުކުރަމުން ގެންދާތީ، އެ ސެޝަންގެ ވީޑިއޯ ރެކޯޑިންގ އެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.