ރާއްޖޭގެ ސަލާމަތީ ޚިދުމަތްތައްދޭ މުއައްސަސާތަކުގެ ފަރާތްތަކަށް އެކި ކަންކަމުގައި ގާނޫނީ ގޮތުން ކަންކަން ހުންނަ ގޮތުގެ މައުލޫމާތު ވަޓްސްއެޕް މެސެންޖާ މެދުވެރިކޮށް ފޯރުކޮށްދިނުމަށް ހޮޓްލައިނެއް ގާއިމުކުރުމަށް އިދިކޮޅު އިއްތިހާދު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ނިންމައިފި އެވެ.

އެމްޔޫއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އިއްތިހާދުގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، ފުލުހުންގެ އިސްވެރިން ކުރާ "ޣައިރު ގާނޫނީ" އަމުރުތަކަށް ތަބާ ނުވެގެން ވަޒީފާގެ ފިޔަވަޅު އަޅާފައިވާ ފަރާތްތަކަށް އެމްޔޫއޯގެ ސަރުކާރެއްގައި އިންސާފު ހޯދައިދީ، ގެއްލޭ ވަޒީފާ އަނބުރައި އިޔާދަ ކޮށްދޭން އެމްޔޫއޯގެ ޝެޑޯ ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ، ގާނޫނީ ކަންކަމާ ގުޅޭ ގޮތުން ތަފްސީލު ހޯދުމަށް ސަލާމަތީ ބާރުތަކުގެ ފަރާތްތަކުން ހޯދާ ކަމަށާއި، އެމްޔޫއޯއިން އެކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި ވަޓްސްއެޕް މެސެންޖަރު މެދުވެރިކޮށް އެމައުލޫމާތުތައް ފޯރުކޮށްދޭ ހޮޓްލައިނެއް ވަރަށް އަވަހަށް ގާއިމު ކުރާނެ ކަމަށެވެ.

"އެ ނަމްބަރު މެދުވެރިކޮށް މިކަމާ ގުޅޭ ގޮތުން ސާފުކުރަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ސާފުކޮށްދޭނަން. ކޮންމެ ފަރާތަކުން ވެސް ގުޅުމުން އަޅުގަނޑުމެން މައުލޫމާތު އަރުވާނަން،" އަލީ ޒާހިރު ވިދާޅުވި އެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ޒާހިރު ---- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕް މެސެންޖަރަކީ މެސެޖުގެ އިތުރުން ކޯލް ވެސް ކުރެވޭ މެސެންޖަރެކެވެ. މި މެސެންޖަރުން މެސެޖު ފޮނުވާ ފަރާތާއި މެސެޖު ލިބޭ ފަރާތާ ދެމެދު ވާހަކަތައް ދެކެވި، މެސެޖު ބަދަލު ކުރެވެނީ ތިންވަނަ ފަރާތެއްގެ ދައުރެއް ނެތި އެވެ.

ވަޓްސްއެޕްއަކީ "އެންޑް ޓު އެންޑް" އެންކްރިޕްޓު ކޮށްފައިވާ އެޕް އެކެވެ.

އަލީ ޒާހިރު ވިދާޅުވީ، އެމްޔޫއޯއިން ގާއިމުކުރާ ވަޓްސްއެޕް ހޮޓްލައިން މެދުވެރިކޮށް، ޣައިރު ގާނޫނީ އަމުރަކީ ކޮބައިކަމާއި އަމުރެއް ޣައިރު ގާނޫނީ ވަނީ ކޮން ކަމެއް މެދުވެރިވެގެން ކަމާއި އެފަދަ އަމުރަކާ ގުޅިގެން ގާނޫނީ ގޮތުން ޒިންމާ ނަގަން ޖެހޭނީ ކިހިނެއް ހެދުމުންކަން ފަދަ ސުވާލުތަކުގެ ޖަވާބާއި ގާނޫނީ ލަފާ، ގާނޫނީ ތަޖުރިބާކާރުން ދެއްވާނެ ކަމަށެވެ.

"ލަފާ ދެއްވުމުގައި އެފަރާތަކަށް ފަސޭހައިން އެކްސެސްވެވޭ، ވީހާވެސް ބޮޑަށް އެހެން ފަރާތަކަށް އާންމު ނުކުރެވޭ މައުލޫމާތުތަކަކަށް ހެދުމަށް ޓަކައި ވަޓްސްއެޕް މެދުވެރިކޮށް މައުލޫމާތު ދޭ ގޮތަށް ނިންމީ،"

އަލީ ޒާހިރު ވިދާޅުވީ، އެމްޔޫއޯގެ ގާނޫނީ ލަފާ ހޮޓްލައިން ނަމްބަރު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށާއި، ނަމްބަރު އާންމު ކުރުމުން ކޮންމެ ފަރާތަކުން ވެސް މައުލޫމާތު އޮޅުން ފިލުވުމަށް ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށެވެ.