20 Jul 2016, 20:15
ގައުމީ އެއާލައިން މޯލްޑިވިއަންއިން ނެރޭ އެ އެއާލައިންގެ އިންފްލައިޓު މެގަޒިން "މޯލްޑިވިއަން ހޮލިޑޭޒް"ގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިޝްތިހާރު ޖެހުމަށް ޚާއްސަ ބިޒްނަސް ލިސްޓިންގ ސެކްޝަނެއް ހިމެނުމަށް ނިންމައިފި އެވެ.
މޯލްޑިވިއަން ހޮލިޑޭޒް މެގަޒިންއަކީ މިދިޔަ އަހަރުގެ ފަހުކޮޅުން ފަށައިގެން ނެރެން ފެށި މެގަޒިންއެކެވެ. މި މެގަޒިން ނެރެން ހަމަޖެހިފައި އޮންނަނީ ކޮންމެ އަހަރަކު ތިން ފަހަރަކު އެވެ.
މޯލްޑިވިއަން ހޮލިޑޭޒްގެ ހެޑް މުހައްމަދު ރިޒްވީ "ސަން" އަށް މިރޭ ވިދާޅުވީ މޯލްޑިވިއަން ހޮލިޑޭޒް މެގަޒިންގެ ބިޒްނަސް ލިސްޓިންގއެއް ތައާރަފު ކުރަން ނިންމީ، އެ މެގަޒިންގެ ރީޑަރޝިޕް އިތުރުވެ، އެ މެގަޒިން މެދުވެރިކޮށް އިޝްތިހާރުވުމަށް ބައެއް ފަރާތްތަކުން ޝައުގުވެރިވާތީ ކަމަށެވެ.
"ލިސްޓިންގްގެ ގޮތުގައި މިކަން ކުރެވޭނީ. ކުންފުނީގެ ނަމާއި އެޑްރެހާއި ކޮންޓެކްޓް ޑީޓެއިލްސް ކަހަލަ ލިމިޓެޑް ޑީޓެއިލްސްއާ އެކު،" ރިޒްވީ ވިދާޅުވި އެވެ.
މޯލްޑިވިއަން ހޮލިޑޭޒް މެގަޒިން، ގައުމީ އެއާލައިނަށް ޕަބްލިޝް ކޮށްދެނީ އެމްވީ ހޮޓެލްސްގެ ފަރާތުންނެވެ.
އެމްވީ ހޮޓެލްސްގެ ޑިރެކްޓަރު މުހައްމަދު އަރީފް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މޯލްޑިވިއަން ހޮލިޑޭޒް މެގަޒިންއަށް އިތުރުކުރެވޭ ލިސްޓިންގ ސެކްޝަނަކީ ފަތުރުވެރިކަމާ ގުޅުންހުރި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އިޝްތިހާރު ކުރުމަށް ޚާއްސަ ސެކްޝަނެއް ކަމަށެވެ.
"ގިނައިން އަޅުގަނޑުމެންނާ އެކު މި މަސައްކަތް ކުރަނީ ރިސޯޓުތައް. އަޅުގަނޑުމެން މި ސެކްޝަން މި ޚާއްސަކުރަނީ ލޯކަލް ގެސްޓްހައުސްތަކާ ރެސްޓޯރަންޓުތައް ފަދަ ތަންތަނުން އެފަރާތްތަކުގެ ބިޒްނަސް ލިސްޓު ކުރުމަށް،" އަރީފް ވިދާޅުވި އެވެ.
މޯލްޑިވިއަން ހޮލިޑޭޒްގެ ތިންވަނަ އަދަދު ކުރިޔަށް އޮތް އޯގަސްޓް މަހުގެ ފަހުކޮޅު ޕަބްލިޝް ކުރުމަށް އެމްވީ ހޮޓެލްސްއިން ތައްޔާރުވަމުން ދާ އިރު، އެ އަދަދާއި އެކު އަލަށް ތައާރަފު ކުރާ މި ބިޒްނަސް ލިސްޓިންގ ސެކްޝަނުގައި އިޝްތިހާރު ކުރުމަށް ބޭނުންވާ ފަރާތްތަކަށްއެ ފުރުސަތުޖުލައި މަސް ނިމެންދެން އޮންނާނެ ކަމަށް އަރީފް ވިދާޅުވި އެވެ.
މެގަޒިންގެ ކޮންމެ އިޝޫއެއްގައި ވެސް ލިސްޓިންގ ސެކްޝަނުގައި 15 އަށް ވުރެ މަދު ނޫން އަދަދަކަށް ވިޔަފާރި ލިސްޓު ކުރުމަށް ޖާގަ ދޭނެ ކަމަށް އަރީފް ވިދާޅުވި އެވެ.