20 Jul 2016, 19:51
އުރީދީ ދިވެހި ޕްރިމިއާ ލީގްގައި ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުން 1-0 ލަނޑުގެ ނަތީޖާ އަކުން ޓީސީ ސްޕޯޓްސް ކުލަބު މޮޅުވެއްޖެއެވެ.
މިއަދުގެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އެއްމެޗު އިތުރަށް ކުޅެ ޖުމްލަ 14 ޕޮއިންޓާއި ޓީސީ އޮތީ ލީގުގެ ދެވަނައިގައެވެ. ޓީސީއަށް ވުރެން އެއްމެޗު މަދުން ކުޅެ ހަމަ އެދަދަށް ޕޮއިންޓް ލިބިގެން ތިން ވަނައިގައި އޮތީ އީގަލްސް އެވެ. މިއަދުގެ މެޗުން ބަލިވި ވިކްޓަރީ އޮތީ ހަތަރު ޕޮއިންޓާ އެކު ތާވަލުގެ ހަތް ވަނައިގައެވެ.
މިއަދުގެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު މެޗުގެ ދެވަނަ މިނެޓްގައި ޓީސީ އަށް ކާމިޔާބް ކޮށްދިނީ އަލީ ފާސިރު (ސެންޓޭ)އެވެ. މިއީ ސެންޓޭ މިސީޒަނުގައި ކާމިޔާބް ކުރި 13 ވަނަ ގޯލެވެ.
ފުރަތަމަ ހާފްގެ ކުރީ ކޮޅުގައި ޓީސީން ކާމިޔާބް ކުރި ގޯލާއެކު އެޓީމުން ވަނީ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ވިކްޓަރީގެ ގޯލަށް ނުރައްކާކޮށްފައެވެ.
ދެވަނަ ހާފް ފެށިގެން ވެސް ޓީސީގެ ސެންޓޭ އަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ވިކްޓަރީ ޕެނަލްޓީއޭރިއާ ތެރެއިން ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު ޖެހި ބޯޅަ ދިޔައީ ބްލޮކް ވެގެންނެވެ.
ފުރަތަމަ ހާފާހިލާފަށް ދެވަނަ ހާފްގައި ވިކްޓަރީގެ ފަރާތުން ވަނީ ގޯލެއް ޖެހުމަށް ގިނަ މަސަތްކަތް ތަކެއް ކުރި ތަން ފެނިފައެވެ. ނަމަވެސް ވިކްޓަރީގެ އިބްރާހިމް ފުރްގާން ތަނަވަސް ކޮށްދިން ފުރުސަތެއްގައި އިބްރާހިމް ޝާތިރަށް ވަނީ ޓީސީގެ ޕެނަލްޓީ އޭރިއާތެރެއިން ބޯޅައެއް ލިބި ބޭނުން ހިފޭގޮތް ނުވެފައެވެ.
ވިކްޓަރީން ދެވަނަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކޮރެއާގެ މިޑްފީލްޑަރު ޝިމޯނޯ އަޓޫޝީ އަށެވެ. ނަމަވެސް ޓީސީގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ޝިމޯނޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ.