ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ހިމެނޭ ރަށްތަކަށް އުދައެރުމުގެ ފުރުސަތު އޮތްކަމަށް ބެލެވޭތީ އެކަމަށް ސަމާލުވެތިބުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖެ ހިމެނޭ ސަރަހައްދުގައި ކަނޑުގެ ބާނިތައް އުފުލިފައި ވުމުގެ ސަބަބުން ކުރިއަށް އޮތް ދެދުވަހު، ދެކުނުގެ އަތޮޅުތަކާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސާރވިސް ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

"... އުދައިގެ އަސަރު އެންމެ ބޮޑަށް ކުރާނޭ ކަމަށް ބެލެވެނީ ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައެވެ. މި ސެންޓަރަށް މައުލޫމާތު ލިބިފައިވާ ގޮތުން އިއްޔެއާއި މިއަދު މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްރަށަށް އުދައަރާފައި ވެއެވެ." ޑިޒާސްޓަރ މެނޭޖްމަންޓުގެ ބަޔާނުގައި ވެއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ، އުދައެރުމުގެ ސަބަބުން ރައްޔިތުންނަށް ލިބިދާނޭ ގެއްލުމުން ސަލާމަތްވުމަށް ދުރާލައި ފިޔަވަޅުއެޅުމަށް އިލްތިމާސްކޮށްފައެވެ.

ސަމާލުކަން ދޭންވީ ބައެއް ކަންކަން:

  • އުދައިގެ ސަބަބުން ރަށުތެރެއަށް ލޮނުގަނޑު ވަދެ ގޭގެއަށް އަސަރުކޮށްފާނެ ފަދަ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ވެލިބަސްތާ ތައްޔާރުކޮށްފައި ބެހެއްޓުން.
  • އުދައިގެ ސަބަބުން ރަށުތެރެއަށް ވަންނަ ލިނުގަނޑުގެ އަސަރު ނުކުރާނޭ ގޮތަކަށް ރައްޔިތުންގެ މުދަލާއި އަދި އެހެނިހެން ސާމާނު ރައްކާތެރި ތަންތަނަށް ބަދަލުކުރުން. މިގޮތުން އުސް ތަންތަނަށް ލެވޭފަދަ ތަކެތި އެފަދަ ތަންތަނަށް ލާފައި ބެހެއްޓުން އަދި އުސްތަނަކަށް ނުލެވޭ ފަދަ ތަކެތި އުދައިގެ ނުވަތަ ލޮނުގެ އަސަރު ނުކުރާނޭ ސަރަހައްދަކަށް ބަދަލުކުރުން.
  • އައްސޭރިފަށުގައި ނުވަތަ ގޮނޑުދޮށާ ކައިރީގައި ހުންނަ ވިޔަފާރިކުރާ ތަންތަން (މިސާލަކަށް ކެފޭ އަދި ޕެޓްރޯލް ސްޓޭޝަން) ފަދަ ތަންތަނަށް އުދައިގެ އަސަރުކޮށްފާނޭ ކަމަށް ތައްޔާރުވުން.
  • އައްސޭރިފަށުގައި ނުވަތަ ގޮނޑުދޮށާ ކައިރީގައި ސަރަހައްދުތަކުގައި ދުއްވާ އުޅަނދުފަހަރު ޕާކުކުރާ ފަރާތްތަކުން އުދަ އަރާފާނޭކަމަށް ލަފާކުރެވޭ ވަގުތު ތަކުގައި ދުއްވާ އުޅަނދު އުދައިގެ އަސަރު ނުފޯރާނޭ ތަނެއްގައި ބެހެއްޓުން.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނީ، އުދައަރާފާނޭ ކަމަށް ދުރާލައި ތައްޔާރުވުމަށާއި އަދި މިކަމާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކުން ދޭ އިރުޝާދުތަކަށް ސަމާލުވެ ތިބުމަށް ރައްޔިތުންނަށް އެ ސެންޓަރުން އިލްތިމާސްކުރާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިއަދު ވަނީ ލ. މާބައިދުއާއި އެއަތޮޅު ފޮނަދުއަށް ވެސް އުދަ އަރައި ބައެއް ގޭގެއަށް ލޮނުގެ އަސަރުކޮށްފައެވެ.

މީގެ އިތުރުން މިއަދު މާލޭ ރާޅުގަނޑު ސަރަހައްދަށް ވެސް އުދަ އަރައި، މަގުމައްޗަށް ލޮނާއި އަކިރި އަރާފައިވާ އިރު ހުވަދޫ ކަނޑުގެ ބާނިތައް މިދުވަސްވަރު ބޮޑުވުމުން އިއްޔެ ވަނީ ގދ. ވާދޫ އަދި ގދ. ގައްދުއަށް ވަނީ އުދައަރާފައެވެ.

ޑައިރެކްޓަރު މީޓިއޮރޮލޮޖީ އަހުމަދު ރަޝީދު މިއަދު ސަން އަށް ވިދާޅުވީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައެެރުން އެކަށީގެންވާ ކަމަށާއި ނަމަވެސް ނުރައްކަލެއް ނެތް ކަމަށެވެ.