20 Jul 2016, 17:57
މާލޭގެ ދެ މަގު ކަމުގައިވާ އަލިކިލެގެފާނު މަގާއި ހުސްނުހީނާ މަގުގެ ޓްރެފިކް ފްލޯ ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. މި ދެ މަގަކީ ވަންވޭ ނުވަތަ އެއްކޮޅަށް ދުއްވާ ދެ މަގެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވަނީ އެ ދެ މަގުގެ ދަތުރުފަތުރު ކުރުމަށް ފަސޭހަ ގޮތްތަކެއް ދެނެގަތުމުގެ މަސައްކަތް ކުރުމުގެ ގޮތުން ދެ މަގުގެ ޓްރެފިކް ފްލޯ ބަދަލުކޮށް، އެ ދެ މަގުގައި ފުލުހުން މިއަދު ހަވީރުން ފެށިގެން ހަރަކާތްތެރިވާނެ ކަމަށެވެ.
މި ދެ މަގުގައި މިހާރު ދުއްވާ އެއްޗެހި ދުއްވާ ގޮތަށް ބަލާ އިރު، އަލިކިލެގެފާނު މަގަކީ ދެކުނުން އުތުރަށް ދުއްވާ މަގެކެވެ. އަދި އަލިކިލެގެފާނު މަގާ އިންވެގެން އިރުމައްޗަށް އޮންނަ ހުސްނުހީނާ މަގަކީ އުތުރުން ދެކުނަށް ދުއްވާ މަގެކެވެ.
ނަމަވެސް މި އައި ބަދަލާ އެކު، އަލިކިލެގެފާނު މަގުގައި ދުއްވާ އެއްޗެހި ދުއްވާނީ އުތުރުން ދެކުނަށެވެ. އަދި ހުސްނުހީނާ މަގުގަގައި ދުއްވާނީ ދެކުނުން އުތުރަށެވެ.
ފުލުހުން ބުނާ ގޮތުގައި މި ބަދަލު ގެނައީ، ޗާންދަނީ މަގުގައި ހުންނަ ތިން ސްކޫލު ކަމުގައިވާ އިސްކަންދަރު ސްކޫލް، އަމީނިއްޔާ ސްކޫލު އަދި އަރަބިއްޔާ ސްކޫލުގެ ކިޔެވުން ފެށޭ އަދި ނިމޭ ވަގުތުތަކުގައި، ހަތަރު ފުރޮޅުލީ އުޅަނދުތައް އެ މަގަށް ވަނުން މަނާ ކުރުމާއި ގުޅިގެން އެސަރަހައްދުގެ ޓްރެފިކް ފްލޯއަށް ލުއިކަމެއް ގެނެސް، މަގުތަކުގެ ތަރުތީބު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތް އިތުރުކޮށް އެއްގަމު އުޅަނދުގެ ދަތުރު ތަކަށް ފަސޭހަ ކުރުމަށެވެ.
ފުލުހުން ބުނީ މިއީ ވަގުތީ ނިންމުމެއް ކަމަށާއި، މިކަންކަން ދާއިމީ ކުރަން ނިންމާނީ މި ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުން ލިބޭ ފަސޭހަތަކާއި ދަތިތައް ބަލައި ދިރާސާ ކުރުމަށްފަހު، އެންމެ ލުއިފަސޭހަ ގޮތް ބަލާފައި ކަމަށެވެ.