20 Jul 2016, 17:18
އާޖެންޓީނާ ގައުމީ ޓީމުގެ ހުސްވެފައިވާ ކޯޗުކަމުގެ މަގާމަށް އައުމަށް ކެތްމަދުވެފައިވާ ކަމަށާއި އެކަމަށްޓަކައި މުސާރައެއްވެސް ބޭނުން ނުވާކަމަށް އެގައުމުގެ ފުޓްބޯޅަ ލެޖެންޑް އަދި ގައުމީ ޓީމުގެ ކުރީގެ ކޯޗު ޑިއޭގޯ މަރަޑޯނާ ބުނެފިއެވެ.
މިހާރު އުމުރުން 55 އަހަރުގެ މަރަޑޯނާ ވަނީ، 2008 އިން 2010އަށް އާޖެންޓީނާގެ ގައުމީޓީމަށް ކޯޗުކޮށްދީފައެވެ. ނަމަވެސް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގައި ޖަރުމަނު އަތުން 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުން އާޖެންޓީނާ ބަލިވި މެޗަށްފަހު މަރަޑޯނާއަށް ކުރިމަތިވި ފާޑުކިޔުންތަކާއެކު އޭނާއަށް ކޯޗުކަމުގެ މަގާމު ގެއްލުނެވެ.
ކްލަބް ލެވެލްގައާއި އަދި ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ވެސް ކާމިޔާބު އަދި ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވި މަރަޑޯނާ، ކޯޗެއްގެ ގޮތުން އާޖެންޓީނާގެ ގައުމީ ޓީމަށް ޚިދުމަތްކުރުމަށް ފަހު 2011 ވަނަ އަހަރު ދެން ހަވާލުވީ ޔޫއޭއީގެ ކްލަބެއް ކަމަށްވާ އަލް ވަސްލު ފުޓްބޯޅަ ކްލަބާއެވެ. އެހެންނަމަވެސް 2012 ވަނަ އަހަރުގެ ޖުލައިމަހު އަލް ވަސްލުގެ ކޯޗުކަމުން ބޭރުކޮށްލުމާ ހަމައަށްވެސް މަރަޑޯނާއަށް ވަނީ ކްލަބާއެކު ރަނގަޅު ކާމިޔާބީއެއް ނުހޯދިފައެވެ.
ނިމިގެން ދިޔަ ކޮޕާ އެމެރިކާ 2016ގެ ފައިނަލްގައި ޗިލީ އަތުން ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ ބަލިވި މެޗާއެކު އެ ޓީމުގެ ކޯޗު ޖެރާޑޯ މާޓީނިއޯ ވަނީ ކޯޗުކަމުން އިސްތިއުފާ ދީފައެވެ. އެހެންކަމުން މިހާރު އާޖެންޓީނާގެ ފުޓްބޯލް އެސޯސިއޭޝަނުން، ގައުމީ ޓީމަށް ރަނގަޅު ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ޓީމާއެކު 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި މަރަޑޯނާ ހުރީ ދެވަނަ ފަހަރަށް އޭނާއަށް އެ ޓީމުގެ ކޯޗުކަން ލިބޭނޭ ކަމުގެ އުންމީދުގައެވެ.
"ފައިސާއާ ގުޅޭ ސަބަބުތަކަކާ ހުރެ ޑިއެގޯ ސިމިއޯނީ އާޖެންޓީނާގެ ކޯޗުކަމަށް ޝައުގުވެރިއެއް ނުވޭ. އެކަމަކު ފައިސާއަކީ އަހަންނަށް މައްސަލައެއް ނޫން،" ފޮކްސް ސްޕޯޓްސްއަށް ދިން އިންޓަވިއުއެއް ގައި މަރަޑޯނާ ބުންޏެވެ.
މަރަޑޯނާ ބުނީ އޭނާ ހުރީ ގައުމީ ޓީމަށް ހިލޭވެސް ކޯޗުކޮށްދޭން ތައްޔާރަށް ކަމަށާއި، އޭނާއަކީ މާ އަގުބޮޑު ކޯޗެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރިއަސް އެއީ ހަގީގަތެއް ނޫންކަމަށެވެ.
"އަހަންނަށް ހީވަނީ ވަރަށް ގިނަބަޔަކަށް ހީވެފައޭ އޮތީ އަހަންނަކީ ވަރަށް އަގުބޮޑު ކޯޗެކޭ. އެކަމަކު ކޮބާ މޮރީނިއޯ؟ އަދި އެންޗެލޮޓީ ނުވަތަ ސިމިއޯނީ؟ އަހަންނަކަށް ނޭނގެ މި ކޯޗުންނާ އަޅައިބަލާއިރު އަހަންނަކީ ކިހާ އަގުބޮޑު ކޯޗެއް ކަމެއް،" މަރަޑޯނާ ބުންޏެވެ.
މަރަޑޯނާ އިތުރަށް ބުނީ، ކޯޗުކަމާ ދުރުގައި ހުންނަން ވަރަށް އުނދަގޫ ކަމަށާއި، އަދި ކުޅުންތެރީންނާއެކު މަސައްކަތްކޮށް، ނޫސްވެރީންނާއެކު އެދާ ހަމަލާތައް މިހާރު ވަރަށް ބޮޑަށް "މިސް"ވާ ކަމަށެވެ.
ބްރެޒިލްގެ ރިއޯގައި ބާއްވާ އޮލިމްޕިކްސް 2016ގައި ބައިވެރިވާ އާޖެންޓީނާ ގައުމީ ޓީމާ ވަގުތީ ގޮތުން ހަވާލުވެ ހުންނާނީ، ކެއަޓޭކަރ ކޯޗް ހޫލިއޯ އޯލާޝިކޯޗީއެވެ.