ލ. މާބައިދުއަށް މިއަދު އުދަ އަރައި، އެރަށުގައި އޮންނަ ގުދުރަތީ ކޯރު ބަންޑުންވެ ރަށުގެ ބައެއް ގޭގެއަށް ލޮނު ވަދެއްޖެ އެވެ.

ލ. މާބައިދޫ ކައުންސިލް މެމްބަރު ހަސަން އާދިލް މިއަދު "ސަން" އަށް ވިދާޅުވީ މިއަދު މެންދުރު 12:45 އިން ފެށިގެން މެންދުރުފަހުގެ ވަގުތާ ޖެހެންދެން އެރަށަށް އުދަ އަރަމުން ދިޔަ ކަމަށެވެ.

އާދިލް ވިދާޅުވީ، އެރަށަށް އުދަ އެރީ އެރަށު އިރުމަތީ ފަރާތު ފުށްޓަރުން ކަމަށާއި، އުދައިގެ ސަބަބުން އެރަށުގައި އޮންނަ ކޯރު ބަންޑުންވެ، ރަށުތެރެއަށް ލޮނުގަނޑު އަރާފައިވާ ކަމަށެވެ.

ލ. މާބައިދޫ

މާބައިދޫގެ އުތުރުކޮޅުން ކަނޑާ ގުޅިފައި، ރަށުގެ މެދުތެރެއާ ހަމައަށް ދާ ކޯރެއް ފަދަ ފެންގަނޑެއް އޮވެ އެވެ. އެ ފެންގަނޑުގައި ކަކުންޏާއި ޑިނގާ ފަދަ ތަކެތި އުޅޭ އިރު، އެ ކޯރުގެ ތެރޭގައި ލޮނު ދައުރުވެ، މަސް ވެސް ވަދެ ނުކުމެ ހަދަ އެވެ.

އާދިލް ވިދާޅުވީ ރަށުގެ ފުށްޓަރު ފަރާތުން ދެ ގެއަކަށް ފެން ވަދެފައިވާ ކަމަށާއި، އިމާރާތްކޮށް އަދި މީހުން އާބާދު ނުވެ ހުރި 45 ވަރަކަށް ގެއަށް ވެސް ލޮނު ވަން ކަމަށެވެ.

"ދިޔަވަރު ބޮޑުވި ގަޑީގައި ރަށުތެރެއަށް އުދަ އަރައިގެން އައީ. އޭރު ގާތްގަނޑަކަށް 500 ފޫޓު ވަރު އެތެރެއަށް އުދަ އަރައިގެން އައި. ރަށުގެ ސިއްހީ މަރުކަޒާއި ޕްރީސްކޫލު ގޯތިތެރެއަށް ވެސް ލޮނުގަނޑު ވަދެފައި ހުރި،" އޭނާ ވިދާޅުވިއެވެ.

މިހާރު ދިޔަވަރު ކުޑަވެފައިވާތީ މިވަގުތު އުދަ އެރުން ވަނީ ހުއްޓިފަ އެވެ. އެހެން ނަމަވެސް މިރޭ ދިޔަވަރު ބޮޑުވާ ވަގުތު އުދަ އަރާނެ ކަމަށް ލަފާ ކުރެވޭތީ، ލ. މާބައިދޫ ކައުންސިލުން އަންނަނީ އެކަމާ ކުރިމަތިލުމަށް ތައްޔާރު ވަމުންނެވެ.

މާބައިދޫއަށް މިއަދު އުދަ އަރާފައި -- ފޮޓޯ/ ކިޔުންތެރިއެއް

"އަޅުގަނޑުމެން މިހާރު މި ދަނީ ބަސްތާތަކަށް ވެލި އަޅަމުން. މިރޭ ދިޔަވަރު ބޮޑުވާ އިރު އުދަ އަރައިފާނެ ކަމަށް ބަލައި، އެކަމަށް ތައްޔާރުވެ، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަން މި އުޅެނީ،" މާބައިދޫ ކައުންސިލް މެމްބަރު އާދިލް "ސަން" އަށް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މިއަދު ލ. ފޮނަދޫއަށް ވެސް ވަނީ އުދަ އަރާފަ އެވެ.

މީގެ އިތުރުން މިއަދު މާލޭ ރާޅުގަނޑު ސަރަހައްދަށް ވެސް އުދަ އަރައި، މަގުމައްޗަށް ލޮނާއި އަކިރި އަރާފައިވާ އިރު ހުވަދޫ ކަނޑުގެ ބާނިތައް މިދުވަސްވަރު ބޮޑުވުމުން އިއްޔެ ވަނީ ގދ. ވާދޫ އަދި ގދ. ގައްދުއަށް ވަނީ އުދައަރާފައެވެ.

ޑައިރެކްޓަރު މީޓިއޮރޮލޮޖީ އަހުމަދު ރަޝީދު މިއަދު ސަން އަށް ވިދާޅުވީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައެެރުން އެކަށީގެންވާ ކަމަށާއި ނަމަވެސް ނުރައްކަލެއް ނެތް ކަމަށެވެ.