ކުރީގެ ސަރުކާރުގެ ދުވަސްވަރު ޖަލުތަކުގައި އަނިޔާކޮށްފައިވާ ކަމަށް ބުނާ ގައިދީންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ހައި ކޯޓާއި ސުޕީރިއާ ކޯޓްތަކުގެ ކައިރިއަށް އެއްވެ އަޑުގަކުރުމާ ގުޅިގެން އެކޯޓުތަކުގެ ބައެއް ޝަރީއަތް ހިންގުމަށް ހުރަސްއެޅި ހުއްޓުމަކަށް އައިސްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

އެ އެއްވުންތައް ކުށްވެރިކޮށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުގައި، އަމިއްލަ ފަރުދަކު ވިޔަސް އަދި ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވެސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހެދުމަކީ ގާނޫނު އަސާސީ 141 ވަނަ މާއްދާގެ ދަށުން މަނާ ކަމެކެވެ. އަދި ކޯޓްތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި ކޯޓްތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދީ އެ ތަންތަނަކީ ކޮންމެ މީހަކަށް ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކި ފަރާތަކަށް ނުޖެހި ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާ ތަންތަނަށް ހެދުމަށްޓަކައި ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެ ތިބި އެންމެހާ މީހުން ކޯޓްތަކަށް އެހީވުމަކީ ގާނޫނު އަސާސީ ލާޒިމްކުރާ ކަމެއް ކަމަށް ވެސް ވަނީ އެބަޔާނުގައި ފާހަގަކޮށްފައި އެވެ.

އަދުލު އިންސާފު ގާއިމްކުރުމަށް ކޯޓުތަކުން ކުރާ މަސައްކަތްތަށް "ލޮޅުން" އަރާފަދަ އެއްވެސް ބާވަތެއްގެ އަމަލެއް އެއްވެސް ފަރާތަކުން ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި އިތުރަށް ބުނެފައިވެ އެވެ؛ "އެއްވެ އުޅުމުގެ ގަވައިދުގެ 10 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އެއްވެ އުޅުން މަނާ ސަރަހައްދުތަކުގެ ތެރޭގައި ޝަރުއީ ކޯޓުތައް ގާއިމްކުރެވިފައިވާ ތަންތަން ހިމެނިގެންވާއިރު، ކޯޓުތަކުގެ ކައިރިއަށް އެއްވެ އަޑުގަދަކޮށް ހަޅޭއްލަވައި ހެދުމަކީ، އެ ގަވައިދާ ހިލާފު އަމަލެއް ކަމަށް ވުމުގެ އިތުރަށް ކޯޓުތަކުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހޭ ގަވައިދާ ވެސް ހިލާފު އަމަލެއްކަން އެފަދަ ފަރާތްތަކަށް ހަނދާންކޮށްދެމެވެ."

މިއަދު މެންދުރު އެކެއް ޖަހާ އެހާކަންހާއިރު ކޯޓުތައް ކައިރިއަށް އެއްވެ އަޑުގަދަކޮށްފައިވަނީ އެމްޑީޕީގެ ޖަލްސާތަކުން އާއްމުކޮށް ފެންނަ އެކްޓިވިސްޓުންނެވެ. މާލޭގެ އެކި ހިސާބުތަކަށް އެއްވެސް ތިރީހަކަށް މީހުންގެ އެ ގްރޫޕުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ގޮވާލައި އަޑުގަދަކޮށް ހަޅޭލެވި އެވެ.