20 Jul 2016, 16:10
ސީޕްލޭން ހިދުމަތް ފުޅާކުރުމުގެ ގޮތުން ގައުމީ އެއާލައިން އިން މިހާރު މިތައާރަފުކޮށްފައި މިވަނީ އަރާމް ދަތުރެއްކޮށްލެވޭނެ ސީޕްލޭނެކެވެ.
މޯލްޑިވިއަން އިން ގެނައި އާ ސީޕްލޭންއަކާ އެކު ތައާރަފުކޮށްފައިވާ "ލަގްޒަރީ ސީޕްލޭން ސާވިސް"އާ އެކު އެހެން ސީޕްލޭންތަކާ ހިލާފު އަރާމް ދަތުރެއްކޮށްލުމުގެ ފުރުސަތު ލިބިގެންދެ އެވެ.
އެހެން ސީޕްލޭންތަކުގައި 15 ގޮޑި ހުންނަ އިރު މިވައްތަރުގެ ސީޕްލޭންގައި ހުންނަނީ އަށް ގޮޑި އެވެ. ގޮނޑިތަކަކީ އަރާމް ގޮނޑިތަކެކެވެ.
"ގޮނޑިތައް ބޮޑުވެފައި ކޮމްފަޓަބަލް ވާނެ، އަދި މީގެ ކޮންމެ ގޮނޑިއެއްގައި އިންނާނެ ޓުރޭއެއް ވެސް، އެހެންވީމަ މީގައި ޑްރިންކު އެއްޗިސް ކާއެއްޗިސް ސާވް ކުރެވޭނެ." އައިލެންޑް އޭވިއޭޝަން ސާވިސެސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވި އެވެ.

އެހެންގިނަ އެއާލައިންތަކަކީ މައްޗަށް އެރުމަށް ފަހު ފިނިވާގޮތަށް ހަމަޖައްސާފައިވާ އެއާލައިންތަކެވެ. ނަމަވެސް މިވައްތަރު އެއާލައިންތައް ތަފާތެވެ. މިއީ އެއާކޮންޑިޝަން އެއާލައިންތަކެވެ. އެހެންކަމުން ފުލައިޓުތަކުގެ ތެރޭގައި އަބަދު ވެސް ފިނިކަން ހުރެ އެވެ.
ނަޝާތު ވިދާޅުވީ އެ ފުލައިޓް ޗާޓާ ކުރުމުގެ ފުރުސަތު ހުޅުވާލާފައި އެފުލައިޓް ޓާގެޓުކުރަނީ މަތީފަންތީގެ ޓޫރިސްޓުންނަށް ކަމަށެވެ.
މޯލްޑިވިއަން އިން ސީޕްލޭނުގެ ގޮތުގައި އާންމުކޮށް ބޭނުންކުރާ ޑީއެޗްސީ6 ޓުވިން އޮޓާ މަރުކާގެ ބޯޓުތަކަކީ 15 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ.