20 Jul 2016, 14:03
އޭވިއޭޝަން ޓުރެފިކުގައި 2035 ވަނަ އަހަރުގެ ކުރިން މުޅި ޔޫރަޕާއި އުތުރު އެމެރިކާގެ އޭވިއޭޝަން ޓްރެފިކަށް ވުރެ އޭޝިއާއަށް ކުރި ހޯދިދާނެ ކަމަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޟިރާރު ވިދާޅުވެއްޖެ އެވެ.
އޭނާ އެގޮތަށް ވިދާޅުވީ، ކޯޕަރޭޓިވް ޑިވަލޮޕްމަންޓް އޮފް އޮޕަރޭޝަނަލް ސޭފްޓީ އެންޑް ކޮންޓިނިއުއިން އެއާވާދިނަސް ޕްރޮގްރާމް – ސައުތު އޭޝިއާ (ކޮސްކެޕް ސައުތު އޭޝިއާ) ގެ ސްޓިއަރިން ކޮމިޓީގެ 25 ވަނަ ބައްދަލުވުން ރާއްޖޭގައި ރަސްމީކޮށް ފެށުމަށް މިއަދު ޕެރަޑައިސް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނެވެ.
އޭޝިއާ ސަރަހައްދުގެ އޭވިއޭޝަން ފުޅާ ދާއިރާއެއްގައި ތަރައްގީ ވަމުންދާ ކަމަށް ފާހަގަކުރައްވާ ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ، އޭޝިއާ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި މިހާރު ގާތްގަނޑަކަށް 34 މިލިއަން މީހުން ވަޒީފާ އަދާކުރަމުންދާއިރު، ޖީޑީޕީގެ ގޮތުގައި ސަރަހައްދަށް 705 ބިލިއަން އެމެރިކާ ޑޮލަރު ލިބޭ ކަމަށެވެ.
އެގޮތުން، 2035 ވަނަ އަހަރާ ހަމައަށް މުޅި ޔޫރަޕާއި އުތުރު އެމެރިކާގެ އޭވިއޭޝަން ޓުރެފިކް، އޭޝިއާ ސަރަހައްދަށް ނެގިދާނެ ކަމަށް ވިދާޅުވި އެވެ.
އަދި ވިދާޅުވީ، 2035 ވަނަ އަހަރާ ހަމައަށް ވައިގެ ދަތުރުފަތުރުގެ ދާއިރާގައި އޭޝިއާގައި 72 މިލިއަން ވަޒީފާ އުފެދި ސަރަހައްދަށް ޖީޑީޕީގެ ގޮތުގައި 1.3 ޓްރިލިއަން އެމެރިކާ ޑޮލަރު ޖަނަރޭޓް ކުރެވޭނެ ކަމަށެވެ.
ރާއްޖެއަށް އޭވިއޭޝަން ސިނާއަތުގެ މުހިއްމުކަން ފާހަގަކުރައްވާ ޟިރާރު ވިދާޅުވީ، ރާއްޖޭގެ ޖީޑީޕީގައި އޭވިއޭޝަން ސިނާއަތުގެ ހިއްސާއަކީ 10.3 ޕަސެންޓް ކަމަށެވެ. އެއީ ސަރަހައްދުގެ ވެސް އެންމެ މަތީ ހިއްސާ ކަމަށާއި ފަތުރުވެރިކަމާއި އޭވިއޭޝަން ދާއިރާ އެއްކޮށް ޖީޑިޕީގެ ހިއްސާ 54 ޕަސެންޓަށް އަރާ ކަމަށް ވެސް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ އޭވިއޭޝަން ސިނާއަތު އިންފުރާސްޓުރަކްޗަރު ތަރައްގީ ކުރުމަށް ސަރުކާރުން ނުހަނު އިސްކަމެއް ދީގެން އާ އެއާޕޯޓްތަކާ ފޮރިން އިންވެސްޓްމަންޓް ސިނާއަތަށް ގެނައުމަށް މަސައްކަތްކުރައްމުންދާ ކަމަށެވެ.