ވާޒްބާގް (ޖުލައި 20): އަފްގާނިސްތާނުގެ ރެފިއުޖީ ކުއްޖަކު ޖަރުމަނުގެ ރޭލެއްގެ ތެރޭގައި ފަސް މީހަކަށް ކޯރާޑިއަކާއި ވަޅިއަކުން އިއްޔެ ދިން ގެ ޒިންމާ އައިއެސް އިން ނަގައިފި އެވެ.

އައިއެސް އަށް ވާގިވެރިވާ ޓީވީ ޗެނަލަކުން އާއްމު ކުރި ބަޔާނެއްގައިވާ ގޮތުން އެހަމަލާ ދީފައި ވަނީ އައިއެސްގެ ހަނގުރާމަވެރިއެއް ކަމަށްވާ މުހައްމަދު ރިޔާދެވެ. ބަޔާނުގެ އިތުރުން އައިއެސް އިން އާއްމު ކުރި ވީޑިއޯއަކުން އަފްގާނިސްތާނު ބަހުން ވާހަކަ ދައްކާ ކުއްޖަކު ވަޅިއެއް ހިފައިގެން ހުރެ އޭނާއަކީ "ޖާނުން ފިދާވެގެން ހަމަލާއެއް ދޭން އުޅޭ އައިއެސްގެ ހަނގުރާމަވެރިއެއް" ކަމަށް ބުނާ މަންޒަރު ފެނެ އެވެ.

ވީޑިއޯ އާއްމު ކުރި ނޫސް އޭޖެންސީން ރިޕޯޓު ކުރި ގޮތުގައި އެހަމަލާ ދީފައި ވަނީ "އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކޯލިޝަންގެ ގައުމުތަކަށް ހަމަލާ ދިނުމަށް އައިއެސް އިން ގޮވާލި ގޮވާލުމަށް،" އިޖާބަ ދިނުމުގެ ގޮތުންނެވެ.

ޖަރުމަނުގެ ވާޒަބާގްގެ ރޭލެއް ތެރޭގައި ހަމަލާ ދިނުމަށް ފަހު 17 އަހަރުގެ އެ ކުއްޖާ ފިލަން މަސައްކަތް ކުރުމުން ފުލުހުން ވަނީ އޭނާ ގަޔަށް ބަޑި ޖަހައި މަރާލައިފަ އެވެ.

އެ ކުއްޖާއާ ބެހޭ ގޮތުން މިހާތަނަށް ފުލުހުން އާއްމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އޭނާ އަފްގާނިސްތާނުން ޖަރުމަނަށް ގޮސްފައި ވަނީ މީގެ ދެ އަހަރު ކުރިން ބެލެނިވެރިޔަކާ ނުލަ އެވެ. އަދި ހަމަލާ ދިނުމުގެ ދެ ހަފްތާ ކުރިން ޖަރުމަނުގެ ސަރުކާރުން ވަނީ އެ ކުއްޖާ ރެފިއުޖީންގެ ހިޔާއަކުން އާއިލާއެއްގެ ބެލުމުގެ ދަށަށް ބަދަލުކޮށްފަ އެވެ.

އަދި ވާޒްބާގް ނިސްބަތްވާ ސްޓޭޓުގެ އިންޓީރިއާ މިނިސްޓަރު ވަނީ ހަމަލާދިން ކުއްޖާގެ ކޮޓަރިން އިސްލާމިކް ސްޓޭޓު (އައިއެސް)ގެ ދިދައެއް ފެނިފައިވާ ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)