20 Jul 2016, 13:43
ޖަލްސާ ބާއްވާނެތަނެއް އަދިވެސް ލިބިފައި ނުވާ ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފިއެވެ.
މިއަދު އިދިކޮޅު އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، ޖަލްސާ ބާއްވާނެ ތަނެއް ހޯދުމަށް ސަރުކާރުގައި އެދުމުން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ޖަލްސާ ބާއްވާނެ ކަމަށް އިއްތިހާދުން ބުނެއެވެ. ޖަލްސާ އޮންނާނީ، މިހާރުވެސް އާއްމުކޮށް އެމްޑީޕީގެ ހަރަކާތްތައް ކުރިއަށް ގެންދާ ހަރުގޭގައި ކަމަށާއި، އެއްވެސް ހުރަހެއް ނެތި މި ޖަލްސާ ބޭއްވޭނެ ކަމަށް އުއްމީދު ކުރާ ކަމަށާއި، ފުލުހުންގެ ފަރާތުން ވެސް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޔަގީން ކުރާ ކަމަށް ބުނެއެވެ.
އަލީ ޒާހިރު ވިދާޅުވީ، ވާދަވެރި ސިޔާސީ ފަރާތްތަކަށް ސިޔާސީ ހަރަކާތް ހިންގުމަށް ޖާގަ ދިނުމަކީ، ގާނޫނު އަސާސީންނާއި، ގާނޫނު ތަކުން ދައުލަތުގެ އެންމެހާ މުއައްސަސާ ތަކަށް ލާޒިމް ކުރާ ކަމެއް ކަމަށެވެ.
ކުރީގެ އެސްޓީއޯގެ މެނޭޖިންު ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ އެއްވެސް ޕްލޭނެއް ނެތި ކަމަށާއި، އަޅުގަނޑުމެންގެ ފައިސާއިން އިސްރާފު ކުރަމުންދާ ދިއުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ހައުސިންގ މިނިސްޓްރީގެ ބަހެއްވަނީ ލިބޭ ގޮތް ނުވެފައެވެ.