20 Jul 2016, 13:33
ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު އެ ޕާޓީ ހަމަ މަގަށް އެޅުވުމަށް ފަށާފައިވާ އިސްލާހީ މަސައްކަތާ ދެކޮޅު ހަދާ ބައެއް ފަރާތްތައް ޕާޓީގެ ކައުންސިލުގައި ތިބި ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ޕީޕީއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރޭ އެ ޕާޓީގެ ޕީޖީ ގްރޫޕުގެ މެމްބަރުންގެ އެދިވަޑައިގަތުމުގެ މަތީން ޕާޓީގެ ރައީސް ބޭއްވި ކައުންސިލު ބައްދަލުވުން ބޮއިކޮޓް ކުރައްވައި ބައެއް މެމްބަރުން ނުކުމެވަޑައިގަތުމުން އެކަމުން ދޭހަވަނީ ޕާޓީގެ ރައީސް ފައްޓަވާފައިވާ އިސްލާހީ މަސައްކަތާ ދެކޮޅު ހައްދަވާ ފަރާތްތައް ޕާޓީގެ ތެރޭގައި ތިބިކަން ކަމަށެވެ.
ޕީޕީއެމުން ބުނީ ކައުންސިލު ޖަލްސާ ނުބާއްވާ އިސްލާހީ މަސައްކަތް ކުރިއަށް ގެންދަވަން ޕާޓީގެ ރައީސް ނިންމި ނިންމެވުމަކީ ވަރަށް ހިކުމަތްތެރިކަމާ އެކު ނިންމެވި ނިންމުމެއްކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ.
"ޕީޕީއެމްގެ ރައީސް ގަބޫލުކުރައްވަނީ ޕާޓީގެ އެތެރޭގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ގެނެވޭނީ އިސްލާހީ އެޖެންޑާއަށް ޕާޓީގެ އެންމެހާ މެމްބަރުންނާއި ގުނަވަންތަކުން ތާއީދުކުރައްވާ އެއްބާރުލުން ދެއްވާ އަދި ޕާޓީގެ ތެރޭގައި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ކަމަށެވެ." ޕީޕީއެމްގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ނޫސްބަޔާނުގައި ބުނެފައި ވަނީ ރޭގެ ޖަލްސާގައި ޕާޓީގެ ރައީސް ކައުންސިލު މެމްބަރުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވި ކަމަށެވެ. އެގޮތުން ޕާޓީގެ އެތެރޭގައި ހުރި މައްސަލަތަކާ މެދު ކައުންސިލް މެމްބަރުންގެ ހިޔާލު ފާޅު ކުރެއްވުމަށް އެދިލެއްވި ކަމަށް ވެސް ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ޕީޕީއެމްގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައި ވަނިކޮށް ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލު ބައްދަލުވުން ނިންމާލީ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ 30 މެމްބަރުންގެ ތެރެއިން 21 މެމްބަރުން ކައުންސިލު ބައްދަލުވުން ދޫކޮށް ނުކުމެވަޑައިގަތުމުން ނެވެ.
އެ ބޭފުޅުން ކައުންސިލު ބައްދަލުވުން ބޮއިކޮޓު ކުރެއްވި ކަމެއް ކަމަށް ވިދާޅުވަމުން ދިޔައީ ޕީޕީއެމްގެ ސުލޫކީ ކޮމިޓީގެ ނިންމުމެއްގެ ދަށުން އެ ޕާޓީން ވަކިކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ޖެންޑާ މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އައިމިނަތު ނާދިރާ ޕާޓީގެ ކައުންސިލުގައި ތިއްބެވުން ކަމަށެވެ.
އެކަމަށް ރައްދު ދެއްވާ ޕާޓީގެ ރައީސް މައުމޫނު ވިދާޅުވީ ފާރިސް މައުމޫނާއި ކައުންސިލް މެމްބަރު ނާދިރާ ޕާޓީގެ މެންބަރުކަމުން ވަކިކުރަން ސުލޫކީ ކޮމިޓީން ނިންމީ ސައްހަ ބައްދަލުވުމެއްގައި ނޫން ކަމަށެވެ. އެގޮތުން ސުލޫކް ކޮމެޓީގައި ތިއްބަވަން ޖެހޭނީ ހަތް މެމްބަރުން ކަމަށް އަސާސީ ގަވާއިދުގައި ބުނެފައިވާއިރު އެ ބައްދަލުވުން ބާއްވާފައި ވަނީ ތިން މެމްބަރުންގެ މެދުގައި ކަމަށް ރައީސް މައުމޫނު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެ ކޮމެޓީގެ ކޯރަމް ވެސް ހަމަނުވާ ކަމަށާއި އެހެންކަމުން އެ ކޮމެޓީ ސައްހަ ނުވާނެ ކަމަށް ރައީސް މައުމޫނު ރޭ ވަނީ ވިދާޅުވެފަ އެވެ.