ކޯޕަރޭޓިވް ޑިވަލޮޕްމަންޓް އޮފް އޮޕަރޭޝަނަލް ސޭފްޓީ އެންޑް ކޮންޓިނިއުއިން އެއާވާދިނަސް ޕްރޮގްރާމް – ސައުތު އޭޝިއާ (ކޮސްކެޕް ސައުތު އޭޝިއާ)ގެ ސްޓިއަރިން ކޮމިޓީގެ 25 ވަނަ ބައްދަލުވުން ރާއްޖޭގައި ފަށައިފި އެވެ.

އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ އެ ބައްދަލުވުން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އެކަމަށް ޓަކައި މިއަދު އެ ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި، ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޟިރާރެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު ޟިރާރު ވިދާޅުވީ، އޭޝިއާ ސަރަހައްދުގެ އޭވިއޭޝަން ބާރު ސްޕީޑެއްގައި ކުރިއަރަމުން އަންނައިރު އަންނަ ތަރައްގީއަށާއި ކުރިއެރުން ސަލާމަތާއި ރައްކާތެރިކަމާ އެކު ކުރިއަށް ގެންދިއުމަށް އެކަށީގެންވާ އިންފުރާސްޓުރަކްޗަރަކާއި ރެގިއުލޭޓަރީ ފުރޭމްވޯކެއްގެ އިތުރުން އޯޕަން އެއާ ޓްރާސްޕޯޓް ޕޮލިސީއެއް ބޭނުންވާ ކަމަށެވެ.

ދެމެހެއްޓެނެވި ތަރައްގީ އަށާއި ރައްކާތެރި އޭވިއޭޝަން ސިސްޓަމެއް ގާއިމްކުރުމަށް އެ ތިން ކަންތައް ހިމަނައިގެން ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ޑެޕިއުޓީ މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ގުޅިގެން ހުޅުވާލެވިފައިވާ ސައުތު އޭޝިއާއެއް ގާއިމްކުރުމަށް ބައްދަލުވުމަށް ވަޑައިގަތް ސާކު ގައުމުތަކުގައި ސިވިލް އޭވިއޭޝަންގެ ޑިރެކްޓާސް ޖެނެރަލުންނަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

ސާކުގެ ހަތް ގައުމެއްގެ ސިވިލް އޭވިއޭޝަންގެ އެންމެ އިސް ވެރިން ބައިވެރިވެ ވަޑައިގަންނަވާ ކޯސްކެޕް ސައުތު އޭޝިއާ ޕްރޮގްރާމްގެ އެންމެހާ ކަންތައްތައް ވިލަރެސް ކޮށް ބަލައްހާޓީ ޕްރޮގްރާމްގެ ސްޓިއަރިން ކޮމެޓީ އިންނެވެ. އެ ކޮމެޓީގެ ބައްދަލުވުމެއް މަދުވެގެން އަހަރަކު އެއްފަހަރު ބާއްވަން ޖެހެ އެވެ.

އެގޮތުން ރާއްޖޭގައި އިއްޔެ ފެށި ކޮމެޓީގެ މި އަހަރުގެ ބައްދަލުވުން ޗެއާ ކުރައްވަނީ އިންޑިއާ އިންނެވެ. މިފަހަރުގެ ބައްދަލުވުމުގައި ކުލޯސްޑް ޑޯ ސެޝަންއެއް އިއްޔެ ކުރިއަށްދިޔަ އިރު މިއަދާ މާދަމާ ކުރިއަށްދާނީ އޯޕަން ފޯރަމް އެކެވެ.

ސްޓިއަރިން ކޮމެޓީގެ މެމްބަރުންނާއި ގައުމުތަކުގެ ނެޝަނަލް ކޯޑިނޭޓަރުން ބައިވެރިވި ކުލޯސްޑް ޑޯ ސެޝަންގައި ޕްރޮގްރާމް ރިވިއު ކުރުމާއި މިއަހަރާ އަންނަ އަހަރުގެ އަހަރީ ޕްރޮގްރާމް ފާސްކޮށްފައިވެ އެވެ.

ޕްރޮގްރާމްގެ ގައުމުތަކުގެ އިތުރުން ޕާޓްނަރުންނާއި ޑޯނާ އޭޖެންސީތަކާއި އިންޑަސްޓްރީގެ މަންދޫބުންނާ އެކު ކުރިއަށްގެންދާ އޯޕަން ފޯރަމް ސެޝަންގައި ކޮސްކެޕް ސައުތު އޭޝިއާގެ ފަރާތުން ތައްޔާރުކުރަމުންދާ ކެޕޭސިޓީ ބިލްޑިންގް މެޓްރިކްސްއާ ގުޅޭ މައުލޫމާތު ބައިވެރިންނާ ހިއްސާކުރާނެ އެވެ.

މީގެ އިތުރުން މެމްބަރު ގައުމުތައް ހިމެނޭ "ރީޖަނަލް އެކްސިޑެންޓް އިންވެސްޓިގޭޝަން އޯގަނައިޒޭޝަން" އެއް ގާއިމު ކުރުމާބެހޭ ކަރުދާހެއް ހުށަހަޅާނެ އެވެ.

ސާކުގެ މެމްބަރު ހަތް ގައުމުން ސޮއިކުރި އެއްބަސްވުމަކުން 1998 ވަނަ އަހަރު އުފެއްދި ކޮސްކެޕް ސައުތު އޭޝިއާ އަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދަތުރު ފަތުރުގެ ސަލާމަތްތެރިކަން ރައްކާތެރި ކުރުމަށް ސާކު ސަރަހައްދުގެ ގައުމުތަކަށް ފަންނީ ލަފަ އާއި އެހީ ފޯރުކޮށްދީ މި ސަރަހައްދުގެ ސަލާމަތީ މިންގަނޑުތައް އެއްގޮތްކޮށް ފެންވަރު މަތި ކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ސަރަހައްދީ ޕްރޮގްރާމެކެވެ.

އެ ޕުރޮގްރާމްގެ ލަނޑުދަނޑިއަކީ ރީޖަނަލް އޯވަސައިޓް އޯގަނައިޒޭޝަނަކަށް ކޮސްކެޕް ސައުތު އޭޝިއާ ހެދުމެވެ.