ދާދި ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ގުޅުނު ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) މިރޭގެ މެޗުގައި ފެނިގެންދާނެ ކަމަށް އެ ކުލަބުން ބުނެފިއެވެ.

މިސީޒަނުގެ ފުރަތަމަ ޓްރާންސްފާ ޕީރިއަޑްގައި މާޒިޔާއަށް ގެނައި ދަގަނޑޭ މި މަހު 13 ވަނަ ދުވަހު އެ ކުލަބަށް ސޮއި ކުރިނަމަވެސް އެންމެ ފަހުން މާޒިޔާ ކުޅުނު މެޗުގައި އިންޓަނޭޝަނަލް ޓްރާންސްފާ ސެޓިފިކެޓް (އައިޓީސީ) ހަމަނުޖެހުމުން އޭނާ އަށް ވަނީ ކުޅެވޭ ގޮތް ނުވެފައެވެ.

ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާޤު (ދަގަނޑޭ) މާޒިޔާއަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެތެރޭން. ދަގަނޑޭ މާޒިޔާއާ ގުޅުނީ މި ސީޒަންގެ ނިޔަލަށް --- ސަން ފޮޓޯ: ފަޔާޒް މުސާ

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މާޒިޔާ އިން މިރޭ ބީޖީ ސްޕޯޓްސް ކުލަބާއި ދެކޮޅަށް ނިކުންނައިރު އެ މެޗުގައި ދަގަނޑޭ ފެނިގެންދާނެ ކަމަށް މާޒިޔާގެ އޮފިޝަލަކު 'ސަން' އަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

ދަގަނޑޭ މާޒިޔާއަށް ގުޅުމާއެކު އެ ކުލަބުގެ އަމާޒަކަށް މިހާރު ވެފައިވަނީ އެއްވެސް މެޗަކުން ބަލިނުވެ ހުރިހާ މުބާރާތެއްގެ ތަށި ހޯދުމެވެ. އަދި އެކަމަށް އެންމެ އެންމެ ބޮޑު އެހީތެރިކަމެއް ދެވެނީ ވެސް ދަގަނޑޭއަށް ކަމަށް މާޒިޔާ އިން ވަނީ މީގެ ކުރިން ބުނެފައެވެ.

ގަލޮޅު ދަނޑުން ދަގަނޑޭ އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2001 ވަނަ އަހަރު ކްލަބު ވެލެންސިއާގެ ޖާޒީގައެވެ. ވެލެންސިއާގެ އިތުރުން ދަގަނޑޭ ވަނީ ރާއްޖޭގެ ނިއުރޭޑިއަންޓް އާއި ވީބީ ސްޕޯޓްސް ކުލަބަށް ވެސް ކުޅެ ގިނަ ކާމިޔާބީ ތަކެއް ހޯދާފައެވެ.

އެންމެ ފަހުން ދަގަނޑޭ ގަލޮޅު ދަނޑުން ފެނުނު މެޗުގައި ޕީޑީއާރުއެމް ޖާޒީގައި މާޒިޔާއާ ދެކޮޅަށް ކުޅެނީ --- ފޮޓޯ: އަލީ އަޝްފާގް އެފްބީ ޕޭޖް

ނިއު އިން 2013 ވަނަ އަހަރު އެއްވެސް މެޗަކުން ބަލިނުވެ ހުރިހާ ލޯކަލް މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި އިރު ދަގަނޑޭ ވަނީ 66 ލަނޑު ކާމިޔާބުކޮށްފައިވެ އެވެ. އަދި ޖެހިގެން އައި އަހަރު މެލޭޝިއާގެ ޕީޑީއާރުއެމް އަށް ބަދަލުވެ އެ ކުލަބާ އެކު ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދަގަނޑޭ އެންމެ ފަހުން ގަލޮޅު ދަނޑުން ފެނުފައި ވަނީ މިދިޔަ އަހަރު ބޭއްވި ޕީޕަލްސް ކަޕުގައި މާޒިޔާއާ ދެކޮޅަށެވެ. 5-4 ގެ ނަތީޖާ އަކުން ޕީޑީއާރުއެމް މޮޅުވި އެ މެޗުގައި މާޒިޔާ ކޮޅަށް ތިން ގޯލު ޖަހައި ދަގަނޑޭ ވަނީ ހެޓްރިކް ވެސް ހަދާފައެވެ.