20 Jul 2016, 13:13
މުމްބާއީ (ޖުލައި 20): ގޫގުލް އިން "ދުނިޔޭގެ އެންމެ ބޮޑެތި 10 ކުށްވެރިން" ސާޗް ކުރުމުން އިންޑިއާގެ ބޮޑުވަޒީރު ނަރިންދުރަ މޯދީގެ ފޮޓޯއެއް ފެންނާތީ އިންޑިއާގެ ކޯޓަކުން ގޫގުލްއަށް ނޯޓިސްއެއް ފޮނުވައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ކުށްވެރިންގެ ތެރޭގައި މޯދީގެ ފޮޓޯ ފެންނާތީ ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ އާއި އިންޑިއާގައި ހުންނަ ގޫގުލްގެ ހެޑް، ރާޖަން އާނަންދު އަށް އުއްތަރަޕްރަދޭޝްގައި ހުންނަ ކޯޓަކުން ނޯޓިސް ފޮނުވުމުގެ އިތުރުން އެކޯޓުން ވަނީ ގޫގުލް އާއި ގޫގުލްގެ އިސް އޮފިޝަލުންނާ ދެކޮޅަށް ކުށުގެ މައްސަލައެއް ރެޖިސްޓާ ކުރަން އަމުރުކޮށްފަ އެވެ.
ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން ކޯޓަށް މައްސަލަ ހުށަހެޅި ފަރާތުން ވަނީ އެ ފޮޓޯ ސާޗް ރިޒަލްޓުން ނެގުމަށް އެދި މީގެ ކުރިން ވެސް ގޫގުލްއަށް ޝަކުވާއެއް ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލަ ހައްލު ކުރުމަށް ގޫގުލްއިން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އޭނާ ބުނި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހު ގޫގުލްއިން ވަނީ ކުށްވެރިން ސާޗް ކުރުމުން މޯދީގެ ފޮޓޯއެއް ފެންނާތީ އެކަމަށް މާފަށް އެދިފަ އެވެ. އަދި އެ ފޮޓޯ އިން ގޫގުލްގެ ހިޔާލުތަކާއި ގަބޫލު ކުރުންތައް ދައްކުވައި ނުދޭ ކަމަށާއި ނަމަވެސް އެ ނަތީޖާ ބިނާވެފައި އޮންނަނީ އަލްގޮރިދަމް އަށް ކަމަށް ބުނެފަ އެވެ. (ޓައިމްސް އޮފް އިންޑިއާ)