ދިވެހި ފައިސާގެ ކުރީގެ ނޫޓުތަކުގެ ތެރެއިން މިހާރު ނުލިބި ހުރީ 274 މިލިއަން ރުފިޔާކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

އެމްއެމްއޭގެ އިންފޮމޭޝަން އޮފިސަރު މަންސޫރު ޒުބެއިރު މިއަދު "ސަން"އަށް ވިދާޅުވީ ރަންދިހަ ފަހެއްގެ ނޫޓު ސީރީޒު ނެރުނުއިރު ދައުރުވަމުން ދިޔައީ ކުރީގެ ނޫޓުތަކުގެ ތެރެއިން 2.9 ބިލިއަން ރުފިޔާ ކަމަށާއި އޭގެ ތެރެއިން 2.6 ބިލިއަން ރުފިޔާ މިހާރު އެމްއެމްއޭއަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން 91 ޕަސެންޓް ފައިސާ އެ ވަނީ ލިބިފައެވެ.

މަންސޫރު ވިދާޅުވީ އެގޮތަށް ފައިސާ ނަގާއިރު 100 ޕަސެންޓް ލިބުމަކީ ނާދިރު ކަމެއް ކަމަށާއި އޭގެ ތެރޭގައި ހަލާކުވާ ފައިސާ އާއި މީހުން ރައްކާކުރާ ފައިސާ ހިމެނޭނެ ކަމަށެވެ.

މި މަސް ނިމުމާއެކު ކުރީގެ ނޫޓުތަކުގެ ތެރެއިން ފަސް ރުފިޔާ ފިޔަވާ އެހެން ނޫޓްތައް ވިޔަފާރި ކުރުމުގައި ބޭނުން ނުކުރެވޭއިރު މަންސޫރު ވިދާޅުވީ ކުރީގެ ނޫޓުތައް ފަސޭހައިން ބަދަލުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ބެންކަކުން ވެސް މިއަހަރު ނިމެންދެން ކުރީގެ ނޫޓުތައް ރަންދިހަފަހެއްގެ ނޫޓުތަކަށް ބަދަލުކޮށްދޭނެ ކަމަށެވެ.

ކުރިއަށް އޮތް ފަސް އަހަރު ދުވަހު އެމްއެމްއޭއިން ވެސް ކުރީގެ ނޫޓުތައް ރަންދިހަ ފަހެއްގެ ނޫޓުތަކަށް ބަދަލުކޮށްދޭނެ ކަމަށް ވެސް މަންސޫރު ވިދާޅުވިއެވެ.

ރަންދިހަ ފަހެއްގެ ނޫޓު ސީރީޒްތައް ތައާރަފްކޮށްފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.