20 Jul 2016, 10:45
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އިތުރަށް ހަރުދަނާ ކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެ އެވެ.
ބޫޓާންގެ ވެރިރަށް ތިމްޕޫގައި އިއްޔެ ބޭއްވި ރީޖަނަލް ކޮންސަލްޓޭޝަން އޮން އެސްޑީޖީ އެލަޔަންސް - ސައުތު އޭޝިއާ ލޯންޗު"ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމާއި އެކަމަށް ކުރަން ޖެހޭ މަސައްކަތްތަކާއި ކުޑަ ކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ހުރިހާ އެންމެންގެ ޒިންމާއެއް ކަމަށެވެ. އަދި މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް، އެ ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ މަސައްކަތް ހަރުދަނާ އުޞޫލަކުން ކުރެވޭނީ ސަރަޙައްދީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ހުރިހާ ދާއިރާތަކާއި މުއައްސަސާތަކުން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ.
މިނިސްޓަރު ޒެނީޝާ ބޫޓާނަށް ވަޑައިގަތީ ސާކްގެ އެޕެކްސް ބޮޑީއެއްގެ ގޮތުގައި 2010 ވަނަ އަހަރު ގާއިމްކޮށްފައިވާ "ސައުތު އޭޝިއާ އިނީޝިއޭޓިވް ޓު އެންޑް ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން" (ސައިވާކް)ގެ ފަރާތުން އިންތިޒާމުކޮށްގެން ތިމްޕޫގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ރީޖަނަލް ކޮންސަލްޓޭޝަންގައި ބައިވެރިވެވަޑައިގަތުމަށެވެ.