20 Jul 2016, 11:15
ލަންޑަން (ޖުލައި 20) : ލައްކައަކަށްވުރެ ގިނަމީހުން އެއްފަހަރާ މަރާލެވޭފަދަ ނިއުކްލިޔަރ ހަމަލާއެއް ދިނުމުގެ އަމުރެއް ނެރުމަށް ކުޑަކޮށް ވެސް ފަސްނުޖެހޭނެ ކަމަށް ވިދާޅުވެ އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރާ ތެރީސާ މޭ ވާހަކަފުޅު ދައްކަވައިފިއެވެ.
އިނގިރޭސިވިލާތުގައިވާ ނިއުކްލިޔަރ ހަތިޔާރުތައް އަލުން އައު ކުރުމާބެހޭ ގޮތުން ހުށަހަޅާފައިވާ ބިލަކާ ބެހޭގޮތުން ހައުސް އޮފް ކޮމަންސްގައި ވާހަކަ ދައްކަވަމުން ތެރީސާ މޭ ވިދާޅުވީ އިނގިރޭސިވިލާތް ނިއުކްލިޔަރ ހަތިޔާރު ދޫކޮށްލުމަށް އެއްގޮތަކަށްވެސް އޭނާ ތާއީދު ނުކުރައްވާ ކަމަށާއި އެކަމަނާގެ ސަރުކާރުގެ ސިޔާސަތަކީ ދިފާއީ އައްޑަނައެއްގެ ގޮތުގައި ނިއުކްލިޔަރ ހަތިޔާރު ގެންގުޅެ އަދި އެ ހަތިޔާރުތައް އައުކުރުން ކަމުގައެވެ. މިކަމާބެހޭގޮތުން ކުރި ހޫނުގަދަ ބަހުސްތަކަކަށްފަހު ހައުސް އޮފް ކޮމަންސްއިން ފާސްކުރީ އިނގިރޭސިވިލާތުގައިވާ ނިއުކްލިޔަރ ހަތިޔާރުތައް އަލުން އައުކުރުމަށެވެ.
އިނގިރޭސިވިލާތުގައި ތިންސަތޭކަ އާއި ތިންސަތޭކަ ފަންސާހާ ދެމެދުގެ އަދަދަކަށް ނިއުކްލިޔަރ ހަތިޔާރު ހުރިކަމަށްވެ އެވެ. އިނގިރޭސިވިލާތަކީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ގޮންޖަހައި ގައުމުތަކަށް އަރައިގަނެ އެގައުމުތަކުގެ ސަރުކާރުތައް ވައްޓާލުންފަދަ ހަރުކަށި އަމަލުތައް ހިންގުމުގެ ތާރީޚެއް އޮތް ގައުމަކަށްވާއިރު އެފަދަ ގައުމެއްގެ އަތްމަތީގައި ނުއުކްލިޔަރ ހަތިޔާރުފަދަ ނުރައްކާތެރި ހަތިޔާރު ހުރުމަކީ ބިރުވެރިކަމެއްކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ. ނަމަވެސް އިނގިރޭސިވިލާތަކީ އެމެރިކާ ފަދައިން ހަނގުރާމަތަކުގައި ނިއުކްލިޔަރ ހަތިޔާރު ބޭނުންކޮށްފައިވާ ގައުމެއްނޫނެވެ.

ނިއުކްލިޔަރ ހަތިޔާރާ ދެކޮޅަށް ލަންޑަންގައި މުޒާހަރާކުރަނީ
އެމެރިކާއަކީ ދެވަނަ ބޮޑުހަނގުރާމައިގާ ޖަޕާނާދެކޮޅަށް އެޓަމިކް ހަތިރު ދެފަހަރެއްގެ މަތިން ބޭނުންކޮށްފައިވާ ހަރުކަށި ގައުމެކެވެ. އިނގިރޭސިވިލާތުގައިވާ ނިއުކްލިޔަރ ހަތިޔާރުތައް އަލުން އައު ކުރުމާބެހޭގޮތުން ހައުސް އޮފް ކޮމަންސްގައި ކުރެވުނު ބަހުސްތަކުގައި ތެރީސާ މޭ ވިދާޅުވީ އިނގިރޭސިވިލާތުގެ ދިފާއުގައި ނިއުކްލިޔަރ ހަތިޔާރު ބޭނުންކުރަން ކުޑަކޮށްވެސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށާ އެހަތިޔާރު ބޭނުންކުރުމުގެ ސަބަބުން ދުޝްމަންގައުމުގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް އެއްފަހަރާ ލައްކައަކަށްވުރެ ގިނަ މީހުން މަރާލަންޖެހުނުނަމަވެސް އެފަދަ ނިންމުމެއް ނިންމަވަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމުގައެވެ.
ނަމަވެސް އިނގިރޭސިވިލާތަކީ އީރާންފަދަ އިސްލާމީ ގައުމަކުން ސުލްޙަވެރި ނިއުކްލިޔަރ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔަސް އެކަމާދެކޮޅަށް އަޑުއުފުލައި ނިއުކްލިޔަރ ހަތިޔާރު ފެތުރުން ހުއްޓުވުމުގެ ނަމުގައި އަޑުއުފުލަމުން ގެންދާ ގައުމެކެވެ. އެހެންކަމުން އިނގިރޭސިވިލާތުން އެގައުމު ބޭނުންވާ އެއްޗެއް އެހެން ގައުމަކަށް ލިބުން ބޭނުންނުވާ އަދި ނިއުކްލިޔަރ ހަތިޔާރު އުފައްދައިގެން އެހެން ގައުމެއް ބާރުގަދަވުމާ ދެކޮޅު ހަރުކަށިވިސްނުން ގެންގުޅޭ ގައުމެކެވެ.
އިނގިރޭސިވިލާތުގައިވާ ނިއުކްލިޔަރ ގިނަ ހަތިޔާރުތަކަކީ ޒާމާނާ ނުގުޅޭވަރުގެ ބައު ޓެކްނޮލޮޖީގެ ހަތިޔާރުތަކެކެވެ. މިހަތިޔާރުތައް އައުކުރަން އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއް ޚަރަދުވާނެކަމަށް ލަފާކުރެވޭއިރު އެވަރުގެ މާލީ ގާބިލްކަން އިނގިރޭސި ދައުލަތުގައި ނެތްކަމަށް ބުނެ ބައެއް މެންބަރުން އެކަމާދެކޮޅަށް އަޑުއުފުއްލެވިއެވެ.
އިނގިރޭސި އިގްތިސާދަކީ ޔޫރަޕަށް ބަލާއިރުވެސް ތިންވަނަ އިގްތިސާދެވެ. އަދި އިނގިރޭސީންގެ އިގްތިސާދީ އަދި ސިޔާސީ ނުފޫޒާއި އަސްކަރީ ބާރުވެސް ދުވަހެއް ދުވަހަކަށް ދަނީ ދަށަށެވެ. އެހެންގައުމަކުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް އިނގިރޭސީންނާއި އެމެރިކާ ދެކޮޅު ހެދިނަމަވެސް ކުރިޔަށްއޮތް ހައެއްކަ އަހަރު ތެރޭގައި ދުނިޔޭގެ އިތުރު ދިހަވަހަކަށް ގައުމުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ހޯދާނެކަމަށް ކަމާބެހޭ ދިރާސާތައް ބުނެއެވެ.
އީރާނާއި ބްރަޒީލްއާއި އާޖެންޓީނާ ފަދަ ގައުމުތަކަކީ ނިއުކްލިޔަރ ހަތިޔާރު ނުއުފެއްދިނަމަވެސް އެހަތިޔާރު އުފެއްދުމުގެ ފަންނީ އަދި އިލްމީ ގާބިލްކަން މިހާރުވެސް ލިބިގެންވާ ގައުމުތަކެއްކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީން ބުނެއެވެ. (ނޫސްއެޖެންސީތައް)