އަންކާރާ (ޖުލައި 20): ތުރުކީގެ ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑެވެލޮޕްމެންޓް ޕާޓީ (އޭކޭޕީ)ގެ އިންޓާނަލް ސާވާއިން ނަގާފައިވާ 294،546 އީމެއިލް އާއި މެއިލްތަކުގައި އެޓޭޗްކޮށްފައިވާ 762 ފައިލް ވިކިލީކްސް އިން ލީކުކޮށްލައިފި އެވެ.

ވިކިލީކްސް އިން ބުނި ގޮތުގައި އެ އީމެއިލްތައް ލީކު ކުރުން އަވަސް ކޮށްފައި ވަނީ ތުރުކީއަށް އެގައުމުގެ އަސްކަރިއްޔާގެ ބައެއް ފައުޖުތަކުން ގެންނަން މަސައްކަތް ކުރި ބަޣާވާތާ ގުޅިގެން ތުރުކީގެ ސަރުކާރުން އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން ކަމަށެވެ. ބަޣާވާތާ ގުޅިގެން ތުރުކީގެ ސަރުކާރުން ވަނީ އެތައް ހާސް ބަޔަކު ހައްޔަރުކޮށް އަދި އެތައް ހާސް ބަޔަކު ވަޒީފާ އިން ވަކިކޮށްފަ އެވެ.

އީމެއިލްތައް ލީކު ކުރަމުން ވިކިލީކްސް އިން ވަނީ އެ ޖަމްއިއްޔާ އިން މަސައްކަތް ކުރަނީ ހަމައެކަނި ތެދު ހާމަ ކުރުމަށް ކަމަށާއި އެއީ ސަރުކާރާ ދެކޮޅަށް ނުވަތަ އެއްކޮޅަށް ވެސް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ނޫން ކަމަށް ބުނެފަ އެވެ. އަދި ލީކުކޮށްފައިވާ އީމެއިލްތައް ނިސްބަތްވާ ޑޮމެއިންގައި ހިމެނޭނީ ގައުމުގެ ދާހިލީ ކަންތައްތަކަށް ވުރެ ބޭރު ދުނިޔޭގެ ކަންތައްތަކާ ބެހޭ އީމެއިލްތައް ކަމަށް ވިކިލީކްސް އިން ބުންޏެވެ.

މީގެ އިތުރުން ވިކިލީކްސް އިން ބުނި ގޮތުގައި އެއީމެއިލްތަކަކީ އެ ޖަމްއިއްޔާ އިން ލީކު ކުރަން އުޅޭ މެއިލްތަކުގެ ތެރެއިން އެއް ބައެވެ. އަދި އޭގެ ތެރޭގައި 2010 އަކާއި މިމަހުގެ ހަޔެކާއި ދޭތެރޭ ފޮނުވާފައިވާ އީމެއިލްތައް ހިމެނޭނެ ކަމަށް ވެސް ވިކިލީކްސް އިން ބުންޏެވެ.

ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ޕާޓީގެ އީމެއިލްތައް ލީކު ކުރުމުގެ ކުރިން ވިކިލީކްސްގެ ޑޭޓާބޭސްއަށް ހަމަލާއެއް ދީފައިވާ ކަމަށް އެ ޖަމްއިއްޔާ އިން ވަނީ ބުނެފަ އެވެ. އަދި ވިކިލީކްސް އިން ވަނީ ތުރުކީގައި އެ ޖަމްއިއްޔާގެ ޑޭޓާބޭސް ބްލޮކްކޮށްފައިވާ މަންޒަރު ފެންނަ ސްކްރީންޝޮޓެއް ޓުވީޓް ކޮށްފަ އެވެ. (އަލްޖަޒީރާ)