ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން އެ ބޭންކުން ފަށާފައިވާ 300 މިލިޔަން ރުފިޔާގެ އިންވެސްޓްމެންޓު ޕްރޮގްރާމްގެ ދަށުން މިހާތަނަށް 150 މިލިޔަން ރުފިޔާ އިންވެސްޓް ކޮށްފައިވާ ކަމަށް ދިވެހި ގައުމީ ބޭންކު ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެ އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މޯބައިލް ފޯނު މެދުވެރިކޮށް ޕޭމެންޓު ހެދޭ ޚިދުމަތް "ބީއެމްއެލް މޯބައިލް ޕޭ" ތައާރަފު ކުރުމަށް މިރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކުގެ އާ ގޮފިތައް ހުޅުވުމަށާއި އެހެނިހެން ޚިދުމަތްތައް ގާއިމުކުރުމަށް 150 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ދަނީ 300 މިލިޔަން ރުފިޔާގެ އިންވެސްޓްމެންޓު ޕްރޮގްރާމެއް ހިންގަމުން. އޭގެ ތެރެއިން މިހާތަނަށް ރާއްޖޭގައި ބޭންކުގެ އާ ބްރާންޗުތައް ހުޅުވުމާއި، ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް ގާއިމުކުރުމާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭސް އޭޖެންޓުން ހަމަޖެއްސުމާއި ޓެކްނޮލޮޖީ އަޕްގްރޭޑު ކުރުން ފަދަ ކަންކަމަށް ގާތްގަނޑަކަށް 150 މިލިޔަން ރުފިޔާ ޚަރަދު ކުރެވިއްޖެ،" ހީލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބޭންކުގެ އޭޓީއެމްތަކާއި ސެލްފް ސާވިސް އޭޓީއެމްތައް މެދުވެރިކޮށް މި އަހަރު ތެރޭގައި ކަސްޓަމަރުން ދެ މިލިޔަން މުއާމަލާތް ކޮށްފައިވާ ކަމަށެވެ. އަދި ބީއެމްއެލްގެ މޯބައިލް ބޭންކިން ޚިދުމަތް ތައާރަފުކޮށް މިހާތަނަށް އެ ޚިދުމަތް 75،000 އަށް ވުރެ ގިނަ ކަސްޓަމަރުން ބޭނުންކުރާ އިރު، އެ ޚިދުމަތް މެދުވެރިކޮށް ކުރިޔަށް އޮތް އަހަރު ތެރޭގައި މިލިޔަނަކަށް ވުރެ ގިނަ މުއާމަލާތް ކުރާނެ ކަމަށް ބެލެވޭ ކަމަށް ހީލީ ވިދާޅުވި އެވެ.

ސީއީއޯ ހީލީ އިތުރަށް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްގެ އެންމެ ބޮޑު އެއް ޝަރަފަކީ އެބޭންކުން ފޯރުކޮށްދޭ ކާޑުތަކުގެ ޚިދުމަތްތައް ކަމަށެވެ. އެގޮތުން އެކި ކަހަލަ ބޭންކު ކާޑުތަކާ ބީއެމްއެލްއާ ދެމެދު ގޮތް ގުޅުމަކީ އެ ބޭންކުން ރާއްޖޭގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރުމަށް ލިބޭ ފުރުސަތެއް ކަން ހީލީ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ ބޭންކިން އަދި ޕޭމެންޓު ހެދުމާއި ވިޔަފާރި މުއާމަލާތްތައް ކުރުމުގައި 21 ވަނަ ގަރުނުގެ ގޮތްތައް އަޅުގަނޑުމެންގެ ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް،" ހީލީ ވިދާޅުވި އެވެ.