19 Jul 2016, 23:52
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސުލޫކީ ކޮމިޓީގެ ނިންމުމެއްގެ ދަށުން އެ ޕާޓީން ވަކިކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ޖެންޑާ މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އައިމިނަތު ނާދިރާ ބައިވެރިވެވަޑައިގަންނަވާ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ސައްހަ ނުވާނެ ކަމަށާއި، ބައްދަލުވުމުން ނުކުމެވަޑައިގަތީ ސައްހަ ނޫން ބައްދަލުވުމެއްގައި ބައިވެރި ނުވުމުގެ ގޮތުން ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގައި ދެ ފެކްޝަނެއް އުފެދިފައިވާ އިރު، މިރޭ އެޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް އެޕާޓީން ވަކިކުރުމަށް އެޕާޓީގެ ސުލޫކީ ކޮމިޓީން ނިންމާފައިވާ ދެ ބޭފުޅުން ކަމުގައިވާ ފާރިސް މައުމޫން އަދި އައިމިނަތު ނާދިރާ ބައްދަލުވުމަށް ވަޑައިގަތުމުން، ޕީޕީއެމް ކައުންސިލްގައި ތިއްބަވާ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ ބައްދަލުވުން ދޫކުރައްވައި ނުކުމެވަޑައިގެންފަ އެވެ.
އެކަމުގެ ސަބަބުން ކައުންސިލްގެ ކޯރަމް ގެއްލިފައިވާތީ، ކައުންސިލް ބައްދަލުވުން މިރޭ ވަނީ ނިންމާލައިފަ އެވެ.
ރައީސް ޔާމީނަށް ތާއީދުކުރައްވާ ކައުންސިލް މެމްބަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ ފާރިސްއާ ނާދިރާއަކީ ޕާޓީގެ އަސާސީ ގަވައިދާ ޚިލާފުވެ، އެފަދަ ކަންކަމަށް ވަކާލާތު ކުރައްވާފައިވާތީ ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައި ޕާޓީން ވަކިކޮށްފައިވާ ދެބޭފުޅުން ކަމަށް ވާއިރު، އެ ނިންމުން ގަބޫލު ނުކުރާ ނަމަ އަސާސީ ގަވައިދުގައިވާ ގޮތުން ދެން ދާންޖެހޭނީ ޕާޓީގެ އިސްތިއުނާފު ކޮމިޓީއަށް ކަމަށެވެ.
އަބްދުލްރަހީމް ވިދާޅުވީ ،އިސްތިއުނާފު ކޮމިޓީން ވަކި ގޮތަކަށް ނިންމަންދެން، ފިޔަވަޅު އަޅާފައިވާ ޕާޓީގެ މެމްބަރުންނަށް ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭނެ ކަމަށް އަސާސީ ގަވައިދުގައި ބުނެފައިވާ އިރު ފާރިސްއާ ނާދިރާ އަދި މިހާތަނަށް އިސްތިއުނާފު ކޮމިޓީއަށް ވަޑައިގެންފައި ނުވާ ކަމަށެވެ.
"އެބޭފުޅުން އިސްތިއުނާފު ކޮމިޓީއަށް ވަޑައިނުގަންނަވާ ނަމަ އެބޭފުޅުން އެވަނީ ޕާޓީ މެމްބަރުކަމުން ވަކިވެފައި. އެއީ އަޅުގަނޑުމެން ގަބޫލުކުރި ގޮތް،"
އަބްދުއްރަހީމް ވިދާޅުވީ، ކައުންސިލު ބައްދަލުވުމުން ނިކުމެވަޑައިގަތީ ޕާޓީން ވަކިކޮށްފައިވާ ދެ މެމްބަރަކު ކައުންސިލަށް ވަޑައިގެން ތިއްބެވީމާ އެބޭފުޅުންނާ އެކު ސައްހަ ކައުންސިލް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދަންނަވާފައި ކަމަށެވެ.
"އަޅުގަނޑުމެން އިހުތިރާމާ އެކު ޕާޓީގެ ރައީސަށް ދެންނެވީ އަޅުގަނޑުމެން މިތިބީ ސުލްހަވެރިކަމާ އެކު މައްސަލަތައް ހައްލުކުރަން ތައްޔާރުވެގެންނޭ. ބޭނުންވަނީ ސުލްހަވެރިކަމާ އެކު ކަންކަން ހަމަޖެހި ޕާޓީ ވަރުގަދައަށް ކުރިޔަށް ގެންދާށޭ. އެހެން ނަމަވެސް ސުލޫކީ ކޮމިޓީން ޕާޓީން ވަކިކޮށްފައި ތިބި ދެ މެމްބަރުން އެތާ ތިއްބެވީމާ އެބޭފުޅުންނާ އެކު ސައްހަ ކައުންސިލް ބައްދަލުވުމެއް ކުރިޔަށް ނުގެންދެވޭނެތީ އަޅުގަނޑުމެން ކައުންސިލް ދޫކޮށްފައި ނުކުންނަނީއޭ. އެގޮތުގެ މަތިން ނުކުތީ. އެއްވެސް ހާލެއްގައި ކައުންސިލްތެރޭގައި ޒުވާބުކޮށް ކަމެއް ދިމާވެގެނެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ، ފާރިސްއާ ނާދިރާ ލައިގެން ކައުންސިލްގެ 30 މެމްބަރުން އައި ނަމަވެސް، އޭނާ ގަބޫލުކުރައްވާ ގޮތުގައި ކައުންސިލަށް މިރޭ ހާޒިރުވީ 28 މެމްބަރުން ކަމަށެވެ.
"އޭގެ ތެރެއިން 21 މެމްބަރަކު ކައުންސިލް ދޫކުރައްވައި ނުކުމެވަޑައިގެންނެވި، މިދެންނެވި ހަމަ ގަބޫލުކުރައްވައިގެން. ފަހަރެއްގައި ބައެއް ބޭފުޅުން ވިދާޅުވެދާނެ 30 މެމްބަރުންނޭ ވަޑައިގަތީ. އެއީ ޕާޓީން ވަކިކޮށްފައިވާ ދެމެންބަރުން ލައިގެން. އެބޭފުޅުން ނުހިމެނޭނެ މިހާރު ކައުންސިލް މެމްބަރުންގެ ގޮތުގައެއް،"
އޭނާ ވިދާޅުވީ މާދަމާވެސް ކައުންސިލް ބައްދަލުވުމެއް ބާއްވާ ނަމަ އޭގައި ބައިވެރިވާނެ ކަމަށާއި، ނަމަވެސް އެ ބައްދަލުވުމެއްގައި ފާރިސްއާ ނާދިރާ އިންނަވައިގެން ނުވާނެ ކަމަށެވެ.
ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ސުލޫކީ ކޮމިޓީން ނިންމީ، އާންމުކޮށް އިއުލާންކުރުމެއް ނެތި ރަށްރަށާއި ފަޅުތައް ވިއްކޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހަށް، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން އެންގި ގޮތާ ޚިލާފަށް ވޯޓު ދެއްވުމުން، އޭނާއާ މެދު ފިޔަވަޅު އެޅުމަށް ޕާލަމެންޓްރީ ގްރޫޕުން ސުލޫކީ ކޮމިޓީގައި އެދުމުންނެވެ. ފާރިސް އެ ވޯޓުގައި ވޯޓު ދެއްވީ އިސްލާހާ ދެކޮޅަށް، އަދި ޕާޓީގެ ގޮތަށެވެ.
މީގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ކޯޑިނޭޓާރުކަމުގައި ހުންނެވި އައިމިނަތު ޕާޓީން ވަކިކުރީ އެ މައްސަލައިގައި ރައީސް މައުމޫނުގެ ޚިޔާލުފުޅަށް ތާއީދުކުރައްވައި، ސަރުކާރުގެ މަގާމެއްގައި ހުންނަވައި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޓްވީޓު ކުރެއްވި މައްސަލައިގަ އެވެ.