19 Jul 2016, 23:31
ވެރިކަންކުރާ ޕާޓީ، ޕީޕީއެމް ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެ ޕާޓީގެ ކައުންސިލް މެންބަރު އަނީސާ އަހުމަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން މިރޭ ބާއްވަން މަސައްކަތް ކުރި އެ ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުން ކުރިއަށް ނުގެންދެވިގެން ނިންމާލުމަށް ފަހު ޕީޕީއެމް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަނީސާ ވިދާޅުވީ، ޕީޕީއެމް ތެރޭގައި ރައީސް ޔާމީންގެ ފެކްޝަނަކާއި ރައީސް މައުމޫންގެ ފެކްޝަނެއް އުފެދިފައިވާކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ހަމަގައިމު ވެސް އަޅުގަނޑު އަމިއްލައަކަށް ގަބޫލެއް ނުކުރަން ޕީޕީއެމްގައި ރައީސް ޔާމީން ފެކްޝަނެއް އަދި ރައީސް މައުމޫން ފެކްޝަނެއް އުފެދިފައިވާ ކަމަކަށް. އަޅުގަނޑުމެން ތެރޭގަ އެބަހުރި ހަމަނުޖެހުންތަކެއް. ހިތްހަމަނު ޖެހޭ ކަންތައްތަކެއް. ހުރިހާ ތަނެއްގައި ވެސް މެންބަރުންގެ މެދުގައި ހުންނާނެ އެފަދަ ކަންކަން،" އަނީސާ ވިދާޅުވި އެވެ.
އަނީސާ ވިދާޅުވީ އެފަދަ ކަންކަމަކީ ޕާޓީގެ އެތެރޭގައި މަޝްވަރާކޮށްގެން ހައްލުކުރަން ޖެހޭ ކަންކަން ކަމަށެވެ. އަނީސާ ވިދާޅުވީ ޕާޓީގައި ދެ ފެކްޝަނެއް އޮތްކަމަށް ވާހަކަ ދެކެވޭތީ އެކަމާ ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި ޕީޕީއެމްގައި ދެ ފެކްޝަން އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ރައީސް މައުމޫނަކީ ޕާޓީގެ ރައީސް. ރައީސް ޔާމީނަކީ ގައުމުގެ ރައީސް. ޕާޓީގެ ޓިކެޓްގައި ނުކުމެ ވަޑައިގެން ހުންނެވި ރައީސް. އެހެންވީމާ އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް ޔާމީނަށް ތާއީދު ކުރައްވާ މެންބަރުންތަކަކާއި ރައީސް މައުމޫނަށް ތާއީދު ކުރައްވާ ފެކްޝަނެއް އޮންނާނެ ކަމަކަށް،" އަނީސާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކެއް އުފެދުނު ފަހުން ފުރަތަމަ ފަހަރަށް އެޕާޓީގެ ކައުންސިލުން މިރޭ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވަން މަސައްކަތް ކޮށްފަ އެވެ. އެ ބައްދަލުވުން ވަނީ ކުރިއަށްގެންދެވޭގޮތް ނުވެފަ އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރާހީމް އަބްދުﷲ އާއި އަދި ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުން ހުއްޓާލަން ޖެހުނީ، އެ ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް، ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުންނެވެ.
ފާރިސްއާއި ނާދިރާ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވާތީ، ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ރައީސް ޔާމީނަށް ތާއީދުކުރަށްވާ މެންބަރުން ވަނީ، އެ ދެބޭފުޅުން ހިމަނައިގެން އެ ބައްދަލުވުން ކުރިއަށް ނުގެންދެވޭނޭ ކަމަށް ވިދާޅުވެ، ބައްދަލުވުން ދޫކުރައްވައި ބޭރަށް ނުކުމެވަޑައިގެންފަ އެވެ.
އެކަމާ ގުޅިގެން ޕާޓީގެ ރައީސް މައުމޫން ވިދާޅުވީ އެ ދެބޭފުޅުން މެންބަރުކަމުން ވަކިކުރަން ނިންމީ އެ ދެބޭފުޅުން ވަކިކުރަން ސުލޫކީ ކޮމިޓީން ނިންމީ ސައްހަ ބައްދަލުވުމެއްގައި ނޫން ކަމަށެވެ.