Last Updated:
9 year 4 month ago

ޕީޕީއެމް ކައުންސިލްގެ ކުއްލި ބައްދަލުވުން ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި

  • މި ބައްދަލުވުމުގައި ރައީސް ޔާމީން ބައިވެރިވެވަޑައެއް ނުގަންނަވާ
ބުލޮގު ޚުލާސާ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކައުންސިލްގެ ކުއްލި ބައްދަލުވުން ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޚިޔާލުތަފާތުވުންތައް އުފެދި އެ ބައްދަލުވުން ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ 9:00ގައި ފެށި އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ، އެ ޕާޓީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމެވެ.

ޕީޕީއެމްގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކެއް އުފެދުނު ފަހުން ފުރަތަމަ ފަހަރަށް އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނޭ ކަމުގެ އަޑުތަކެއްވެސް ފެތުރިފައިވީ ނަމަވެސް އެމަނިކުފާނު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ޕީޕީއެމްގެ ނައިބުރައީސް އަބްދުއްރާހީމް އަބްދުﷲ އާއި އަދި ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުން ހުއްޓާލަން ޖެހުނީ، އެ ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް، ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުންނެވެ.

ފާރިސްއާއި ނާދިރާ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވާތީ، ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ރައީސް ޔާމީނަށް ތާއީދުކުރަށްވާ މެންބަރުން ވަނީ، އެ ދެބޭފުޅުން ހިމަނައިގެން އެ ބައްދަލުވުން ކުރިއަށް ނުގެންދެވޭނޭ ކަމަށް ވިދާޅުވެ، ބައްދަލުވުން ދޫކުރައްވައި ބޭރަށް ނުކުމެވަޑައިގެންފައެވެ.

ޕީޕީއެމްގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ރައީސް ޔާމީނަށް ތާއީދުކުރައްވާ މެންބަރުން ބައްދަލުވުން ދޫކުރައްވައި ބޭރަށް ނުކުމެ ވަޑައިގަތުމުން އެ ބައްދަލުވުމުގެ ކޯރަމް ގެލުމާއެކު ބައްދަލުވުން ވަނީ ނިންމާލައިފައެވެ.

އަނީސާ އަހްމަދު

ރައީސް މައުމޫނަކީ ޕާޓީގެ ރައީސް. ރައީސް ޔާމީނަކީ ގައުމުގެ ރައީސް. ޕާޓީގެ ޓިކެޓްގައި ނުކުމެ ވަޑައިގެން ހުންނެވި ރައީސް. އެހެންވީމަ އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް ޔާމީނަށް ތާއީދު ކުރައްވާ މެންބަރުން ތަކަކާ ރައީސް މައުމޫނަށް ތާއީދު ކުރައްވާ ފެކްޝަނެއް އޮންނާނެ ކަމަކަށް.
23:33

އަނީސާ ވިދާޅުވީ، "ހަމަގައިމުވެސް އަޅުގަނޑު އަމިއްލައަކަށް ގަބޫލެއް ނުކުރަން ޕީޕީއެމްގައި ރައީސް ޔާމީން ފެކްޝަނެއް އަދި ރައީސް މައުމޫން ފެކްޝަނެއް އުފެދިފައިވާ ކަމަކަށް. އަޅުގަނޑުމެން ތެރޭގަ އެބަހުރި ހަމަނުޖެހުންތަކެއް. ހިތްހަމަނުޖެހޭ ކަންތައްތަކެއް. ހުރިހާ ތަނެއްގަވެސް މެންބަރުންގެ މެދުގައި ހުންނާނެ އެފަދަ ކަންކަން."

23:31

ޕީޕީއެމް ކައުންސިލް މެންބަރު އަނީސާ އަހްމަދު ވިދާޅުވީ، ޕީޕީއެމް ތެރޭގައި ރައީސް ޔާމީންގެ ފެކްޝަނަކާއި ރައީސް މައުމޫންގެ ފެކްޝަނެއް އުފެދިފައިވާކަމަށް ގަބޫލު ނުކުރައްވާ ކަމަށް.

23:22

ރައީސް މައުމޫނު ވިދާޅުވީ، އެ ދެ ބޭފުޅުން ޕާޓީގެ މެންބަރުކަމުން ވަކިވެވަޑައިގެންފައިވާ ކަމަށް ގަބޫލު ނުކުރައްވާކަމަށް. އަދި އެއީ ސައްހަ ބައްދަލުވުމެއްނޫން ކަމަށް. ސުލޫކީ ކޮމިޓީގައި ހަތް މެންބަރުން ތިއްބަވާ އިރު އެ ބައްދަލުވުމުގައި ތިއްބެވީ ތިން މެންބަރުން ކަމަށާއި ކޯރަމް ހަމަނުވާކަމަށް. މަދުވެގެން ހަތަރ ުމެންބަރުން ތިބެންޖެހޭކަމަށް.

23:22

މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި ޕީޕީއެމްގެ ރައީސް މައުމޫން ވިދާޅުވީ ފާރިސާއި ނާދިރާ ޕާޓީން ވަކިކުރީ ސައްހަ ބައްދަލުވުމަކުން ނޫން ކަމަށް.

23:19

ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުން ދޫކުރައްވައި ބައެއް މެންބަރުން ނުކުމެވަޑައިގަތީ ރައީސް ޔާމީން އަންގަވައިގެން ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި އެ ޕާޓީގެ ނައިވު ރައީސް އަބްދުއްރަހީމް ވިދާޅުވީ، ބައްދަލުވުން ދޫކުރައްވައި ނުކުމެވަޑައިގަތީ ރައީސް ޔާމީން އަންގަވައިގެން ނޫންކަމަށް.

23:17

ނިހާން އިތުރަށް ވިދާޅުވީ، ޕާޓީތެރޭގައި ހުރި ދެބަސްވުންތަކާއި ޚިޔާލުތަފާތުވުންތައް ނައްތާލެވޭނޭ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށް.

23:15

ނިހާން ވިދާޅުވީ، ޕާޓީން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ ބައިވެރިކުރީ ގަވާއިދާ ޚިލާފަށް ކަމަށާއި، ފާރިސް ވަކިކުރަން ޕީޖީ ގްރޫޕުން ހުށަހެޅުއްވި ކަމަށް. އަދި ފާރިސް ވަކިކުރުމަށް ހުށަހެޅުއްވީ، ޕާޓީގެ ވިޕްލައިނާ ދެފަހަރެއްގެ މަތީން ފާރިސް ޚިލާފުވެވަޑައިގަތުމުން ކަމަށް.

23:12

ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުންގެ ފަރާތުން ބޭއްވި ނޫސްކޮންފަރެންސްގައި، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ކައުންސިލް ބައްދަލުވުމުގައި ހަމަނުޖެހުމެއް ނުހިންގަވާ ކަމަށާއި، ޕާޓީގެ ރައީސަށް އިހްތިރާމުކޮށް 35 މިނިޓްގެ ވަގުތު ދެއްވިކަމަށް. އަދި ނަސޭހަތްވެސް ދެއްވި ކަމަށް.

23:09

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން ކުރިއަށް ނުގެންދެވިގެން ހުއްޓާލުމަށް ފަހު، ކައުންސިލްގައި ހިމެނިވަޑައިގަންނަވާ، ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ ވަކިން ޕްރެސް ކޮންފަރެންސެއް ބާއްވާފައި.