19 Jul 2016, 22:36
ގައުމީ ސަލާމަތްތެރިކަން އިތުރުކުރުމަށް ދެފަރާތުން ކުރަމުން އަންނަ މަސައްކަތްތަކުގައި އެއްފަރާތުން އަނެއް ފަރާތަށް މައުލޫމާތުތައް ހިއްސާކުރުމާ ގުޅޭ އެމްއޯޔޫއެއްގައި އެމްއެންޑީއެފާއި އިމިގްރޭޝަނާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެމްއެންޑީއެފްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އިމިގްރޭޝަން ކޮންޓްރޯލާ، ޖެނެރަލް މުހައްމަދު އަންވަރު އެވެ. އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އެވެ.
އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ޙަސަން ހަލީލް "ސަން" އަށް ވިދާޅުވީ، އެ އެމްއޯޔޫގެ ދަށުން ދެ ފަރާތުން ވެސް އެއްފަރާތުން އަނެއް ފަރާތަށް ބޭނުންވާ އެކިއެކި މައުލޫމާތުތައް މިހާރަށް ވުރެ ރަނގަޅަށް ފޯރުކޮށްދޭނެ ކަމަށެވެ.
"އެމްއެންޑީއެފަކީ ގައުމުގެ އެންމެބޮޑު ސަލާމަތީ ބާރު. އެފަރާތަށް ބޭނުންވާ މައުލޫމާތުތައް އަޅުގަނޑުމެން ކުރިން ވެސް ފޯރުކޮށްދެން އެފަރާތުން އެދުނީމަ. ނަމަވެސް މިއަދުގެ އެއްބަސްވުމުގެ ދަށުން ކުރިއަށްވުރެ ރަނގަޅަށް ފަސޭހައިން އެ މައުލޫމާތުތައް ފޯރުކޮށްދެވޭނެ،" ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިމިގްރޭޝަންގެ އެކި ކަންކަމުގައި އެމްއެންޑީއެފުން ފުރިހަމަ އެހީތެރިކަމެއް މިއަދާ ހަމައަށް ފޯރުކޮށްދެއްވަމުން އަންނަ ކަމަށެވެ.
މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ދެފަރާތުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މަސައްކަތްތަކަށް އަވަސްކަން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.