ތ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މާލެއިން ފުރައިގެން ތ. އަތޮޅަށް ދަތުރުކުރަމުންދާ ބޯޓަކުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ތ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހޯމަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނުގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައި ވަނީ 36 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއް ކަމަށާއި މި ދެމީހުންނަކީވެސް ދިވެހީންކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ އެ ދެމީހުންގެ ތެރެއިން 36 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ، މާލެއިން ފުރައިގެން ތ. އަތޮޅަށް ދަތުރުކުރި ބޯޓު ތ. މަޑިފުއްޓަށް ކައިރި ކުރިތަނުންނެވެ. އަދި 28 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ފުލުހުން ރޭ ހިންގި އިތުރު އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ތ. ކިނބިދޫގައި އޭނާ ދިރިއުޅެމުންދާ ގެއިންނެވެ.

ކޯޓު އަމުރެއްގެ ދަށުން ތ. އަތޮޅަށް ދަތުރުކުރި އެ ބޯޓަށް ފުލުހުން އަރައި އެބޯޓު ބަލައިފާސްކުރިއިރު އެބޯޓުގެ ބަދިގެ ތެރޭގައި ފުށާއި ހަނޑޫ އަޅާފައި ހުރި ދެ ބާލިދީއެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ދެ ކޮތަޅު ފެނިފައިވާ ކަމަށާއި، އެތަނުން އެއްކޮތަޅުގެ ވަގުތީ ބަރުދަނުގައި 105 ގްރާމް ހުރިއިރު އަނެއް ކޮތަޅުގައި 15 ގްރާމް ހުރިކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، ތ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ މައްސަލަ ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގުކުރަމުން ދާކަމަށެވެ.

އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ތ. ދިޔަމިގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.