ޑރ. އަފްރާޝީމްގެ މަރާ ގުޅޭގޮތުން ރޭ ރާއްޖެޓީވީގެ "60 މިނެޓް" ޕްރޮގްރާމްގައި ގެނެސްދީފައިވާ ރިޕޯޓާއި އެއާގުޅޭ ކޮންޓެންޓް ދެއްކުން ބްރޯޑްކާސްޓިން ކޮމިޝަނުން މަނާކޮށް އެކަން ރާއްޖެޓީވީއަށް އަންގައިފި އެވެ.

އެ ކޮންޓެންޓަކީ އަފްރާޝިމް އަވަހާރަކޮށްލީ ހުމާމްކަމަށް ބުނެފިނަމަ ފަސްލައްކަ ރުފިޔާދޭނެ ކަމަށް ބުނާ ކޮންޓެންޓެކެވެ.

ރާއްޖެޓީވީގެ ސީއީއޯ އަށް ބްރޯޑްކާސްޓިން ކޮމިޝަނުން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، އެ ރިޕޯޓްގައި ހިމަނާފައިވާ ކޮންޓެންޓްގެ މައްސަލައެއް އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން އެ ކޮންޓެންޓްގައި ދެފަރާތުގެ ބަހެއް ހިމަނާފައި ނުވާތީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ އެކަކާ ހިލާފުވާ ކޮންޓެންޓް އޭގައި ހިމެނޭ ކަމަށް ބެލެވޭކަމަށް އެ ސިޓީގައިވެ އެވެ.

"މަތީގައި ދެންނެވުނު މާއްދާއާ ތިޔަ ފަރާތުން ފޮނުވި ކޮންޓެންޓް ހިލާފުވާކަމަށް ބެލެވޭކަމަށް ލިޔެފައިވީ ނަމަވެސް ކޯޑު އޮފް ޕްރެކްޓިސްއާ ހިލާފުވެފައިވާކަން ނުވަތަ ނޫންކަން އަދި ކޮމިޝަނުން ނިންމާފައި ނުވާކަމާއި އެކަން ނިންމާނީ މި މައްސަލަ ބަލައި ނިމުމުން ކަމުގައިވެސް ދަންނަވަމެވެ. މި މައްސަލަ ބަލާ ނިމެންދެން ހަވާލާދީފައިވާ ކޮންޓެންޓް ރައްކާކޮށްފައި ބެހެއްޓުމަށްވެސް މިފުރުސަތުގައި ދެންނެވީމެވެ،" ރާއްޖެޓީވީއަށް ބްރޯޑްކޮމް އިން ފޮނުވި ސިޓީގައިވެ އެވެ.

އެ ސިޓީގައި ބުނީ އެ މައްސަލަ ބަލައި ވަކިގޮތެއް ނިންމަންދެން ޑރ. އަފްރާޝީމްގެ މަރާބެހޭ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ރާއްޖެޓީވީ އަށް އަންގާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅޭ ޑޮކިއުމަންޓްރީ އެއް ތައްޔާރުކުރާ ކަމަށް ރާއްޖެޓީވީގެ ހަބަރުގައި ބަޔާންކޮށްފައިވާތީ، އެ ޑޮކިއުމަންޓްރީ އަކީ ބްރޯޑްކަސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ އެކެއް އާއި އެހެނިހެން މާއްދާތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީއަކަށް ހެދުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.