19 Jul 2016, 19:49
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕާލަމެންޓަރީ ގްރޫޕްގެ މުހިއްމު ބައްދަލުވުމެއް މިރޭ 8:00 ގައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ޕީޕީއެމް ޕީޖީ ގްރޫޕްގެ މެންބަރަކު މިރޭ ސަންއަށް ވިދާޅުވީ، އެ ގްރޫޕްގެ ބައްދަލުވުމެއް މިރޭ މަޖިލީހުގެ އިދާރާގައި ބާއްވަނީ، މިހާރު ޕީޕީއެމްގެ ތެރޭގައި ހުރި މައްސަލަތަކާއި، އަދި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ޖެހޭ ބިލްތަކާއި އެ ނޫންވެސް މުހިއްމު ބައެއް ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކަމަށެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް މިރޭ ކުރިއަށް ގެންދަން ހަމަޖެހިފައި މިވަނީ، އެ ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ވެސް މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.
އެ ޕާޓީގެ އޮފީހުން މިއަދު ޕީޕީއެމްގެ ކައުންސިލް މެމްބަރުންނަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައި ވަނީ މިރޭ 9:00ގައި އެ ޕާޓިގެ ކުއްލި ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ޕީޕީއެމްގެ ކައުންސިލް މެމްބަރަކު މިއަދު ސަން އަށް ވިދާޅުވީ އެބައްދަލުވުން މިރޭ ބާއްވާ ކަމަށާއި ނަމަވެސް ބާއްވާ ސަބަބެއް ނުވަތަ ބައްދަލުވުމުގެ އެޖެންޑާއެއް އަދި ހާމަ ނުކުރާ ކަމަށެވެ.
ޕީޕީއެމްގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކެއް އުފެދުނު ފަހުން ފުރަތަމަ ފަހަރަށް އެޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައި މިވަނީ، އެފަދަ ބައްދަލުވުމެއް ބާއްވައި ދިނުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ކިބައިން މަޖިލީހުގެ ގިނަ މެންބަރުންތަކެއް އެދިފައި ވަނިކޮށެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހުއްދަ ނެތި ޕީޕީއެމްގެ ކޮމެޓީތައް ނުބޭއްވުމަށް އެމަނިކުފާނު އެންގެވި އެންގުން މައުމޫން މިހާރުވަނީ އަނބުރާ ގެންދަވާފައެވެ.
މައުމޫންގެ ހުއްދަ ނެތި ކޮމެޓީތައް ނުބޭއްވުމަށް އަންގަވާފައި ވަނިކޮށް އެ ޕާޓީގެ ސުލޫކީ ކޮމެޓީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ އާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރަން ފާސްކޮށްފަ އެވެ. އަދި އެ ނިންމުން ތަންފީޒުކޮށްދިނުމަށް ޕީޕީއެމްގެ ކައުންސިލަށް އެ ކޮމެޓީން ވަނީ ފޮނުވާފަ އެވެ.