20 Jul 2016, 09:15
ޕީޕީއެމް ޕީޖީ ގްރޫޕްގެ ބައްދަލުވުންތަކުގެ ލިޔެކިޔުންތައް ފޮނުވައި ދިނުމަށް ޕީޕިއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެދިވަޑައިގެންފައިވީ ނަމަވެސް އެތަކެތި ނުފޮނުވިގެން އުޅެނީ އެ ލިޔެކިޔުންތައް ނެތުމުން ކަމަށް ރައީސް މައުމޫނަށް ތާއީދުކުރައްވާ މެމްބަރުން މިއަދު ތުހުމަތުކޮށްފި އެވެ.
ނަން ހާމަނުކުރަން އެދިވަޑައިގެން، މައުމޫނަށް ތާއީދުކުރައްވާ އެ ޕާޓީގެ ޕީޖީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މެމްބަރުންތަކެއް ވިދާޅުވީ، ވެރިކަން ކުރާ ޕީޕީއެމް ޕީޖީ ގްރޫޕްގެ ޔައުމިއްޔާތައް މިހާތަނަށް ބަލަހައްޓާފައި ނުވާ ކަމަށާއި ޕީޖީ ގްރޫޕްގެ ޖަލްސާތަކުގެ ހާޒިރީ ވެސް ބަލަހައްޓަމުން ނުދާ ކަމަށެވެ.
"ޖަލްސާތަކަށް ހާޒިރުވި އަދަދާއި ހާޒިރުވީ ކޮން މެމްބަރުންނެއްތޯ، ވޯޓުތަކުގައި މެމްބަރުން އަމަލުކުރި ގޮތުގެ ރެކޯޑެއް ވެސް ނޯންނާނެ. ލިޔެކިޔުންތައް ނުފޮނުވައިގެން އުޅޭ ސަބަބަކީ މިއީ،" ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެމްބަރަކު ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައްދަލުވުންތައް ގިނައިން ބާއްވާފައި ވަނީ މުލިއާގޭގައި ނުވަތަ މަޖިލީހުގައި ކަމަށާއި އެ ބައްދަލުވުންތަކުގައި ކަމެއް ފާސްކުރަން ބޭނުންވެއްޖެ ނަމަ ވޯޓުދެނީ އަތް އުފުލައިގެން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
މައުމޫން ފައްޓަވާފައިވާ ޕީޕީއެމްގެ އިސްލާހީ ޕްރޮގްރާމަށް ބޭނުންވެގެން، ޕީޖީ ގްރޫޕްގެ ޔައުމިއްޔާތައް އިއްޔެގެ ރަސްމީ ގަޑި ހަމަވުމުގެ ކުރިން ފޮނުވަން ދެ ވަނަ ފަހަރަށް އެދިފައިވީ ނަމަވެސް އެ މުއްދަތު ހަމަވި އިރު ވެސް ލިޔުންތައް ފޮނުވާފައެއް ނުވެ އެވެ.