19 Jul 2016, 20:16
ލިމްފެޓިކް ފިލާރިޔާސިސް ނުވަތަ ފައިލޭރިއާ ނައްތާލުމަކީ ކުރެވިދާނެ ކަމެއް ކަމަށް ދިވެހިރާއްޖެއިން ސާބިތުކޮށްދީފި ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑައިރެކްޓަރ ޑޮކްޓަރ ޕޫނަމް ކެޓްރަޕާލް ސިންގ ވިދާޅުވީ، އާއްމު ސިއްހަތަށް ނުރައްކާވާ ބައްޔެއްގެ ސިފައިގައި، ފައިލޭރިއާ ދިވެހި ރާއްޖެއިން ނައްތާލުމުން އެކަމަށް މަރުހަބާ ކިޔާކަމަށެވެ. އަދި ޑަބްލިއުއެޗްއޯ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ދިވެހިރާއްޖެއަކީ މި ލަނޑުދަނޑި ހާސިލްކުރި ފުރަތަމަ ގައުމު ކަމަށާއި، ރާއްޖެއިން މިބަލި ނައްތާލާފައިވަނީ މަތީ ފަންތީގައި ހަރަކާތްތެރިވާ ހިންގުންތެރި ދުރުވިސްނުމާއި، އަހައްމިއްޔަތުގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތްކުރަމުން އައި އެތައް ޖީލަކުން ކެނޑިނޭޅި ކޮށްފައިވާ މިންނެތް މަސައްކަތުންކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއިން ފައިލޭރިއާ ނައްތާލީ މި ބައްޔާ ދެކޮޅަށް ރާއްޖެއާއި، ޑަބްލިއުއެޗްއޯ ގުޅިގެން 1951 ވަނަ އަހަރު ފެށި މަސައްކަތްތަކުގެވެސް ނަތީޖާއިންކަމަށް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިިއެވެ.
ފައިލޭރިއާ ނައްތާލުމަށް ރާއްޖޭގައި މަސައްކަތް ފެށިއިރު އިސްކަން ދިނީ ވެކްޓަރ ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، އެ ބަލި ޖެހިފައިވާ މީހުންދެނެގަނެ އެމީހުންނަށް ފަރުވާދީ، އެ ބަލި ޖެހިދާނެކަމުގެ ބިރު އޮތް އާބާދީތަކަށް ފުޅާދާއިރާއެއްގައި ބޭސްދިނުމުގެ ސްޓްރެޓަޖީއެއް ގާއިމްކޮށް ހިންގުންކަމަށްވެސް ޕޫނަމް ކެޓްރަޕާލް ވިދާޅުވިއެވެ.
ފޫނަމް ކެޓަރަޕާލް އިތުރަށް ވިދާޅުވީ، ސިއްހީ ދާއިރާއިން އިތުރު ގިނަގުނަ ކާމިޔާބީތައް ދިވެހިރާއްޖެ ހޯދާނެކަމަށް އުއްމީދުކުރައްވާ ކަމަށާއި، ސިއްހަތު ކުރިއަރުވައި ފުރާނާ ސަލާމަތް ކުރުމަށް ޑަބްލިޔުއެޗްއޯ އިން ދިވެހިރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެމުން ދާނެކަމަށެވެ.