23 May 2011, 16:22
ހއ. އިހަވަންދޫ ކައުންސިލްގެ ދަށުން ޕަބްލިކް ހެލްތު ސާވިސް ޔުނިޓުގައި މަސައްކަތްކުރާ ހަތަރު މުވައްޒަފުންގެ މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭ ކަމަށް އެއިދާރާ އިން ބުނެފި އެވެ.
ކައުންސިލް އިދާރާގެ މެންބަރު މުހައްމަދު ޝިރާޒު މިއަދު ވިދާޅުވީ ކައުންސިލް އިދާރާގެ ދަށުން ޕަބްލިކް ހެލްތު ޔުނިޓްގައި މަސައްކަތްކުރާ ހަތަރު މުވައްޒަފުން މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކައުންސިލް އިދާރާގެ ދަށުން މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ މަހުގެ މުސާރައިގެ ބަޖެޓް ދީފައިނުވާތީ އެއިން އެއްވެސް މީހަކަށް މުސާރަ ދެވިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކައުންސިލްގެ އިދާރާއާ މުވައްޒަފުންތަކެއް ހަވާލުކުރިނަމަވެސް، މުސާރަ ދޭނެ ބަޖެޓެއް ނުދޭ، އެމީހުންގެ މުސާރަ ޖަމާނުވާ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ވާނީ އަންގާފައި. އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީއަށް ގުޅުމުން ފޯނަކަށް ޖަވާބެއް ނުދޭ،" ޝިރާޒު ވިދާޅުވި އެވެ.
އެ ރަށު ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު އަހުމަދު ރަޝީދު މިއަދު ބުނީ މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭ ކަމަށާއި އެކަމާ ގުޅިގެން ފިނޭންސަށް ގުޅުމުން އެތަނުން ފޯނަށް ޖަވާބު ނުދޭތީ މުސާރަ ޖަމާނުކުރާ ސަބަބެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުސާރަ ނުލިބޭތީ ވަރަށް ދަތިތަކާ ދަނީ ކުރިމަތިވަމުން. ގޭތެރޭގައި ކުރަން ޖެހޭ ހަރަދުތަކާއި ދަރިންނަށް ކުރަން ޖެހޭ ހަރަދުތަކުގެ އިތުރުން ކަރަންޓް ބިލް ދައްކަން ޖެހޭ ފައިސާގެ ދަތިކަން ވަނީ ކުރިމަތިވެފައި،" ރަޝީދު ބުންޏެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ހެލްތު ކޯޕަރޭޝަނާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިން ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރަމުންދިޔަ ސިއްހީ އެހީތެރިންނާއި ހެލްތު ވޯކަރުން ވަނީ ރަށު ކައުންސިލްގެ ދަށުން ޕްރައިމަރީ ހެލްތު ކެއާގައި މަސައްކަތް ކުރާ ސިވިލް ސާވިސްގެ މުވައްޒަފުންގެ ގޮތުގައި ހަމަޖައްސައިފަ އެވެ. އަދި އެމީހުންނަށް ހަ މަސް ދުވަހުގެ ތެރޭގައި ކައުންސިލްތަކުގައި މަސައްކަތުގެ މާހައުލެއް ބިނާކުރެވެންދެއް ކޯޕަރޭޝަންތަކުން އެމީހުންނަށް ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސައިދޭން ޖެހެ އެވެ. ނަމަވެސް ގިނަ ރަށްރަށުގައި ހެލްތު ވޯކަރުންގެ ގޮތުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންގެ މުސާރައިގެ އިތުރުން މަސައްކަތް ކުރަމުންދާ މާހައުލުގެ ދަތިތަކާ ވެސް ވަނީ ކުރިމަތިލާންޖެހިފަ އެވެ.